ދުނިޔެ

އިނގިރޭސިވިލާތުން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ބައިލައްކަ ހުރަސްކޮށްފި


ކޯވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ ޢަދަދު 50،000 ހުރަސްކޮށްފިއެވެ.
ކޯވިޑް ޖެހިގެން އިނގިރޭސިވިލާތުގައި މަރުވެފައިވާ މީހުންގެ ޢަދަދު ވިލާތުގެ އެހެން ޤައުމުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުތަކަށްވުރެ މިވަނީ އިތުރުވެގައެވެ. އަދި އެންމެ ގިނަ ޢަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވާ އެމެރިކާއާއި ބުރެޒިލާއި އިންޑިޔާގެ އިތުރުން މެކްސިކޯއަށް ފަހު އިނގިރޭސިވިލާތް ވެފައި މިވަނީ 50،000އަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވި ފަސްވަނަ ޤައުމަށެވެ.

އިނގިރޭސިވިލާތުގައި މަރުވި މީހުންގެ ޢަދަދު 50،000 ހުރަސްކުރުމުން އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ވެކްސިނެއްގެ އުއްމީދު ބޮޑުވެފައިވީ ނަމަވެސް އިނގިރޭސިވިލާތަށް ބަލީގެ ނުރައްކާ އަދި ފިލައިގެން ގޮސްފައި ނުވާކަމަށެވެ. ކޮންމެ މަރަކީ ބޮޑު ހިތާމައެއްކަމަށާއި ބަލީގައި ދުނިޔެ ދޫކޮށްފައިވާ މީހުންނާއި މެދު މާޔޫސްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑްގެ ދެވަނަ ރާޅެއް އިނގިރޭސިވިލާތުގައި ފެތުރެން ފެށުމުން ބޮޑުވަޒީރު ޖޮންސަންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކުރައްވާ އެއްމަސް ދުވަހުގެ މުއްދަތަށް އެ ޤައުމު ފުރަބަންދުކޮށްފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ގިނަވާ ވަރަކަށް ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ ހިފަހައްޓާނުލެވިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 1.2 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 22،950 މީހުންނަށް ބަލިޖެހި 595 މީހުންވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ދުވަސްވަރުގައި ސަރުކާރުގެ ސައިންސްގެ ކަންކަމާއި ބެހޭ މުޝީރު ޕެޓްރިކް ރޮލެސްވަނީ އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދު 20،000ން ދަށުގައި ބެހެއްޓިއްޖެނަމަ އެއީ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ. ނަމަވެސް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު ކުރިއަށް އޮތްތަނުގައި އަދިވެސް އިތުރުވާނެކަމަށް ކަމާބެހޭ މާހިރުންވަނީ އަންދާޒާކޮށްފައެވެ.

އެންމެ ފުރަތަމަ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރުގައި އިނގިރޭސިވިލާތުގައި ބޮޑުވަޒީރު ޖޮންސަން އެދެވޭ ފިޔަވަޅު އަޅުއްވާފައިނުވާކަމަށާއި ޤައުމުގެ ޙާލަތު ގޯސްވީ އެ ސަބަބާއި ހުރެ ކަމަށް އިދިކޮޅު ގިނަ ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. ދެ ފަހަރުވެސް ބޮޑުވަޒީރު ޖޮންސަން ޤައުމު ފުރަބަންދުކޮށްފައިވަނީ މާ ލަހުންކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.