ދުނިޔެ

އިޓަލީގައި ހަރުކަށި ފިޔަވަޅު އަޅާފައިވާ ސަރަޙައްދުތައް އިތުރުކޮށްފި


ކޯވިޑް-19އާއި ގުޅިގެން އިޓަލީވިލާތުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ސަރަޙައްދުތަކުގެ ލިސްޓުގައި އިތުރު ސަރަޙައްދުތަކެއް ހިމަނައިފިއެވެ.

އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރު ދުވަސްވަރުގައި ވަރަށް ބޮޑަށް ޙާލަތު ގޯސްވި އިޓަލީވިލާތުގައި މިހާތަނަށް 1.1 މިލިއަން މީހުންނަށް ބަލި ޖެހި 44،139 މީހުންވަނީ މަރުވަފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 40،902 މީހުންނަށް ބަލިޖެހި 550 މީހުންވަނީ މަރުވެފައެވެ. ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އިޓަލީވިލާތުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ތިން ގުނައަށް އިތުރުވެފައެވެ.

ބަލިފެތުރޭ މިންވަރު މަޑުޖެއްސުމަށް އިޓަލީވިލާތުގެ ސަރުކާރުން މިދިޔަ ހަފުތާގައިވަނީ ތިން ދަރަޖައަކަށް ބަހާލާފައިވާ ނިޒާމެއް ޤާއިމްކޮށްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ހަތަރު ސަރަޙައްދެއްވަނީ އެންމެ ޙަލަތު ގޯސްވެފައިވާ 'ރަތް'' ޒޯނުގައި ހިމަނާފައެވެ. ''އޮރެންޖު' ޒޯނުގައި ދެ ސަރަހައްދެއް ހިމަނާފައިވާއިރު ދެން ހުރި ސަރަޙައްދުތައް ހިމަނާފައިވަނީ 'ރީނދޫ' ޒޯންގައެވެ. ނަމަވެސް މި ހަފުތާ ފެށުނު އިރު އެ ނިޒާމަށް ބަދަލުތަކެއް ގެނެސް ނޮވެމްވަރު މަހުގެ 13ވަނަ ދުވަހުވަނީ އެންމެ ފަހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަނެއްކާވެސް އިތުރު ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން ގެނައި ބަދަލުތަކުގެ ދަށުން ޓަސްކަނީއާއި ކެމްޕޭނިއާ ކިޔާ ދެ ސަރަޙައްދުވަނީ ރަތް ޒޯނުގައި ހިމަނާފައެވެ. އެއާއެކު ލަމްބާޑީއާއި ޕީޑްމޮންޓްއާއި ވަލޭ ޑީއޯސްޓާ ހިމެނޭ ގޮތަށް ޖުމްލަ ފަސް ސަރަޙައްދެއް އެ ޒޯނުގައި މިހާރު ހިމެނެއެވެ.

އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ގެއިން ނުކުތުމުގެ ޙުއްދަ އޮންނަނީ ވަޒީފާއަށް ދިޔުމަށާއި ޞިއްޙީ ސަބަބުތަކަށާއި ކުއްލި ޙާލަތްތަކުގައި އެކަންޏެވެ. އެ ސަރަޙައްދުތަކުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ފިހާރަތައް ހުންނަނީ ބަންދުކޮށްފައެވެ.

އޮރެންޖު ޒޯނުގައި މިވަގުތު ނުވަ ސަރަޙައްދެއް ހިމެނެއެވެ. ރީނދޫ ޒޯނުގައި އޮތީ ފަސް ސަރަޙައްދެކެވެ. އިޓަލީވިލާތުގެ ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑުވުމުގެ ބިރުއޮތީ ހީވެފައެވެ. ކުރިން ރީނދޫ ޒޯނުގައި އޮތް ކެމްޕޭނިއާ އޮރެންޖު ޒޯނު ހުރަސްކޮށް ރަތް ޒޯނަށް ކުއްލިއަކަށް ދިޔުމުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަކިން ބާރުބޮޑުވެފައެވެ.