ދުނިޔެ

ނުކުޅެދުންތެރިކަން ހުންނަ ހަ އަހަރުގެ ސީރިއޯ އިންޓަނެޓްގައި މަގްބޫލުކަން


އިޓަލީވިލާތަށް ނިސްބަތްވާ ސީރިއޯ ޕޭސިޝެޓީއަކީ އިންޓަނެޓު މެދުވެރިކޮށް މަޝްހޫރުކަން ހޯދާފައިވާ އުމުރުން އެންމެ ހަ އަހަރުގެ ކުއްޖެކެވެ. ނަމަވެސް ޔޫޓިއުބާއި ފޭސްބުކުފަދަ މީސްމީޑިޔާގެ ޒަރިއްޔާއިން އާންމު ގޮތެއްގައި މަޝްހޫރުކަން ހޯދާ ކުދިންނާއި ޚިލާފަށް ސީރިއޯއަކީ ނުކުޅެދުންތެރިކަމުގެ ގިނަ މައްސަލަތައް ހުންނަ ކުއްޖެކެވެ.

ސީރިއޯގެ ކަންކަން ބަލަހައްޓަނީ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ދެ އެހީތެރިންނެވެ. އުމުރުން 38 އަހަރުގެ ވެލެންޓީނާއަކީ ކޯލް ސެންޓަރެއްގައި މަސައްކަތްކުރާ މީހެކެވެ. ސީރިއޯގެ ބައްޕައަކީ އުމުރުން 58 އަހަރުގެ ރިސާޗަރެކެވެ. އެ މީހުންނަށް އެހީތެރިވާ މީހުން މަސައްކަތްކުރަނީ ތާވަލެއް ހަދައިގެން ކޮންމެ މީހަކުވެސް ދެ ދުވަހުން އެއްދުވަހެވެ.

ސިކުނޑިއަށް ދިމާވާ މައްސަލައެއްކަމަށްވާ ސެރެބްރަލް ޕަލްސީގެ ވައްތަރެއްކަމަށްވާ ޓެޓްރާޕްލެގިއާ ހުންނަ ސީރިއޯއަކަށް ވާހަކައެއްވެސް ނުދެއްކެއެވެ. އޭނާގެ އަނގަ ދާއިމީ ގޮތަކަށް ހުޅުވިފައި ހުރުމުގެ ސަބަބުން އެއްވެސް ބަހެއް ނުވަތަ ޖުމްލައެއް ނުކިޔެއެވެ. އަދި ރަނގަޅަށް ދިރުވުމަކީވެސް ސީރިއޯއަށް ބޮޑެ ގޮންޖެހުމެކެވެ. އެހެންކަމުން ސީރިއޯއަށް ކާންދޭންޖެހެނީވެސް ބަނޑަށް ގުޅާފައި ހުންނަ ޚާއްޞަ ހޮޅިއެއް މެދުވެރިކޮށް ދިޔާ ކާތަކެއްޗެވެ.

ޓެޓްރާޕްލެގިއާގެ ސަބަބުން ހަށިގަނޑުގެ ތިން ހުޅެއް މަސައްކަތްނުކުރި ނަމަވެސް އެއިން އެއްވެސްކަމަކީ ދިރިއުޅުމާއިމެދު ސީރިއޯ މާޔޫސްވާންޖެހޭ ސަބަބެއްކަމުގައއި އެ ތުއްތު ކުއްޖާ ނުދެކެއެވެ.

ސީރިއޯގެ އާންމު ދިރިއުޅުމަށް އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ހިޔަނި އެޅުނަ ނުދީ ހިތްވަރާއި ޖޯޝާއިއެކު ދިރިއުޅުމާއި ކުރިމަތިލާ މަންޒަރު ފެނުމަކީ އޭނާގެ މައިންބަފައިން އެކަމަކާއި މެދު ވަރަށް ހިތްހަމަޖެހޭ އަދި އުފާވާ ކަމެކެވެ. އޭނާގެ މައިންބަފައިން ބޭނުންވީ އެ މަންޒަރު މުޅި ދުނިޔެއާއިއެކު ޙިއްޞާކޮށް، ސީރިއޯފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމަކީވެސް އުފާވެރިކަމާއި އުންމީދުން ފުރިގެންވާ ދިރިއުޅުމެއްކަން ދުނިޔެއަށް ދައްކާ ދިނުމަށެވެ. އެގޮތުން ސީރިއޯގެ މަންމަ ނިންމީ އޭނާގެ ދިރިއުޅުން ދުނިޔެއަށް ދެއްކުމަށް ޚާއްޞަ ވެބްސައިޓެއް ހަދައި، ފޭސްބުކާއި އިންސްޓަގުރާމާއއި ޓްވިޓާގައި އެކައުންޓުތަކެއް ހެދުމަށެވެ.

މީސްމީޑިޔާގެ މި ވަޞީލަތްތައް ބޭނުންކޮށްގެން ސީރިއޯގެ މަންމަ، ވެލެންޓީނާ ސީރިއޯގެ ގިނަ ހެއްވާ އަދި މަޖާ ވީޑިއޯތައް ޙިއްޞާކުރެއެވެ. 'ސީރިއޯ އެންޑް ދަ ޓެޓްރަބޮންޑު'ގެ ނަމުގައި ގެނެސްދޭ ވީޑިއޯތައްދަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ހިތް އުފާކޮށްދެމުންނެވެ.

ވެލެންޓީނާ ބުނީ އެ ވީޑިއޯތަކަށް އެހާ ބޮޑު ސަމާލުކަމެއް ލިބޭނެކަމަށް ހީނުކުރާކަމަށާއި، ނަމަވެސް އެ ވީޑިއޯތަކުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާކަން ވިސްނުމުން ވީޑިއޯތައް ހެދުމުގައި ދެމިތިބުމަށް ނިންމިކަމަށެވެ. އޭނާ ބޭނުންވީ އެ ވީޑިއޯތަކުގެ ޒަރިއްޔާއިން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ހަޔާތް ތަފާތު ގޮތަކަށް ހުށަހަޅައިދިނުމަށްކަމަށް ވެލެންޓީނާ ބުންޏެވެ. އެއީ ކިތަންމެ އުނދަގޫ ދިރިއުޅުމެއް ނަމަވެސް ނުކުޅެދުންތެރިކަމާއިމެދު ދެކޭގޮތަށް ބަދަލު ގެނެސްފިނަމަ، އަދި އެދެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، ސީރިއޯފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމަކީވެސް އުޖާލާ ދިރިއުޅުމަކަށް ހެދިދާނެކަން ދެއްކުމަށް އޭނާ ބޭނުންވިކަމަށް ވެލެންޓީނާ ބުންޏެވެ.

އެ ވީޑިއޯތައް ވެގެން ދިޔައީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ވީޑިއޯތަކަކަށެވެ. ބައެއް ވީޑިއޯތައް މިހާތަނަށް 130،000އަށްވުރު ގިނަ ފަހަރު ބަލާފައި އެބަހުއްޓެވެ. ވެލެންޓީނާ ބުނީ ކުޑަ މުއްދަތެއްގެ ތެރޭގައި އެވަރުގެ އިޖާބައެއް ވީޑިއޯތަކަށް ލިބޭނެކަމަށް ކުރިން ހީނުކުރާކަމަށެވެ. އަދި ސީރިއޯގެ ހުންނަ ނުކުޅެދުންތެރިކަން ހުންނަ އެހެން ކުދިންގެ އާއިލާތަކުގެ ފަރާތުން އެ ވީޑިއޯތަކަށް ލިބޭ އިޖާބައަކީ އިތުރު ވީޑިއޯތައް ހަދައި އިންޓަނެޓަށް ދޫކޮށްލުމަށް ލިބޭ ހިތްވަރެއްކަމަށް އޭނާ ކިޔައިދިނެވެ.

ސީރިއޯގެ ވީޑިއޯތަކުން ބޮޑު ސިންގާ ދަބަހެއް އަޅައިގެން ސީރިއޯ ސުކޫލަށްދާ މަންޒަރާއި، ބެޓެރީ ކާރު ދުއްވާ މަންޒަރާއި، ސީރިއޯގެ 10 އަހަރުގެ ބޭބެ ނިދާފައި އޮއްވާ އުނދަގޫކުރާ މަންޒަރުފަދަ މަންޒަރުތައް މަޖާގޮތަކަށް ގެނެސްދެއެވެ. އެ ވީޑިއޯތަކަށް އޭނާގެ ފޮލޯވަރުން ލައިކުދީ، ހިތްވަރުގެ މެސެޖުތައް ބަނޑުންކޮށްލައެވެ.

ވެލެންޓީނާ ބުނީ ގިނަ މީހުން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމަކީ ވަރަށް ހިތްދަތި އަދި އުޖާލާކަމެއް ނެތް ދިރިއުޅުމެއްގެ ގޮތުގައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް، އެއްވެސް މަޖާކަމެއް ނުހުންނަކަމަށް ގިނަ މީހުންދެކޭކަމަށް ވެލެންޓީނާ ބުންޏެވެ. އެހެންކަމުން އެފަދަ ކުދިންނަށް ހަމައެކަނި ބޭނުންވަނީ މީހުންގެ ހަމްދަރުދީ ނޫންކަމަށާއި އެކުދިންނާއިމެދު މީހުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމުކަމެއްކަމަށް އޭނާ ބުންޏެވެ.