ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ދިވެހި ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.އެކަމަނާ މިހެން ވިދާޅުވީ މިރޭ އދ. ގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުންނެވެ. ދުންޔާ ވިދާޅުވީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ހައްޤުގެ އިތުރުން ޤައުމުގެ ދެމިއޮތުމަށް ނުރައްކާވެފައިވާ ކަމަށެވެ. މޫސުމީ ބަދަލްތަކާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށާއި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއިން އަބަދުވެސް ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. އަދި ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމަށް ކުދި ޖަޒީރާ އެހެން ޤައުމުތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. އެގޮތުން ދުނިޔެ ހޫނުވާފަދަ މާއްދާތައް ޖައްވަށް ބޭރުކުރާ މިންވަރު ދަށްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން މިއަހަރު ފަހުކޮޅު ޕެރިހުގައި ބާއްވާ ތިމާވެއްޓާ ބެހޭ ސަމިޓްގައި ޤާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމްވާ އެއްބަސްވުމަކަށް ވާސިލްވުމަށް ހެޔޮ ނިޔަތުގައި މަސައްކަތްކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތިމާވެށި ސަލާމަތްކުރުމަށް ކުދި ޤައުމުތަކުން ފިޔަވަޅުތައް އަޅަމުންދާއިރު ބޮޑެތި ޤައުމުތަކުން މިކަމަށް މަސައްކަތް ނުކުރަނީ ކީއްވެތޯ ޚާރިޖީ ވަޒީރު ދުންޔާ ސުވާލު އުފައްދަވާފައިވެއެވެ.