އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ސްރީ ލަންކާ އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެ.
ސްރީ ލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ)ގެ ޗެއަރޕާސަން ކިރްމާލީ ފާނަންޑޯ ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ބަންދުކޮށްފައިވާ ސްރީ ލަންކާ އަލުން ހުޅުވާލުމާއިގުޅޭ މަސައްކަތްތައް ފަށައިފައިވާކަމަށެވެ. އެ މަސައްކަތުގައި ގުޅުންހުރި ހުރިހާ އިދާރާތަކުން ބައިވެރިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ރާވާފައިވާ ރޭވުންތަކުގެ ދަށުން 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ބައިނަލްއަޤްވާމީ ދެ ވައިގެ ބަނދަރު ހުޅުވާ، ފަތުރުވެރިންނަށް ޤައުމު ހުޅުވާލުމަށްވަނީ ހުށަހަޅައިފައެވެ. އެކަމާއި ގުޅޭ ގިނަ އުސޫލުތަކެއް ޤާއިމްކުރުމަށް ޞިއްޙަތާއިބެހޭ އިދާރާތަކަށް ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ފާނަންޑޯ ވިދާޅުވިއެވެ. އެ އުސޫލުތަކަކީ އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ޤަވާއިދުން މުޠާލިއާކުރަމުންދާނެ އުސޫލުތަކެކެވެ.
ސްރީ ލަންކާ އަލުން ހުޅުވާލުމުގެ ކުރިން ޤާއިމްކުރުމަށް ހުށަހަޅާފައިވާ އުސޫލުތަކުގެ ތެރޭގައި އިންޓަނެޓު މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ނިޒާމުން ވިސާ ދޫކުރުމަށް ބޭނުންވާ ޓްރެވަލް އައިޓިނެރަރީ ޤައުމަށް ދަތުރުކުރުމުގެ ކުރިން ހުށަހެޅުން ހިމެނެއެވެ. ސްރީ ލަންކާއަށް ދަތުރުކުރުމަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް ބުކްކޮށްފައިވާ އަދި ފައިސާ ދައްކާފައިވާ ފަތުރުވެރިންނަށެވެ. އެ ފަރާތްތަކަށް ހުރެވޭނީ ލެވެލް އެކެއްގެ ހޮޓާތަކުގައި އެކަންޏެވެ.
14 ދުވަހަށްވުރެ ގިނަ ދުވަހު ސްރީ ލަންކާގައި މަޑުކުރާނަމަ ލެވެލް 2ގެ ހޮޓަލެއްގައި ހުރެވިދާނެއެވެ. ލެވެލް 2ގެ ހޮޓާތަކަކީ ރައްކާތެރި މާޙައުލެއްގެ ގޮތުގައި ފާސްކޮށްފައިވާ ހޮޓާތަކެކެވެ. އެތަންތަނުގައި މަޑުކުރާ ފަތުރުވެރިންނަށް ޚާއްޞަ ބައެއް ސައިޓުތަކަށް ޒިޔާރަތްކުރެވޭނެއެވެ. ނަމަވެސް އެއްވެސް ފަތުރުވެރިއަކަށް ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުން މަނާވާނެއެވެ.
28 ދުވަހަށްވުރެ ގިނަ ދުވަހު ސްރީ ލަންކާގައި މަޑުކުރާނަމަ ސްރީ ލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ކޮންމެ ހޮޓަލެއްގައިވެސް ފަތުރުވެރިންނަށް މަޑުކުރެވޭނެއެވެ. ފާނަންޑޯ ވިދާޅުވީ ދިގު މުއްދަތަށް މަޑުކުރާ ފަތުރުވެރިންނާއި ބައިނަލްއަޤްވާމީ ފަތުރުވެރިންނާއެކު ދަތުރުކުރާ ސްރީ ލަންކާގެ ޕާސްޕޯޓު އޮންނަ މީހުންނާއި ރެޒިޑެންޓް ޕާމިޓް އޮންނަ މީހުންނާއި ފިލްމު ޓުއަރިޒަމާއި ކުޅިވަރު ޓުއަރިޒަމަށް ދަތުރުކުރާ ފަތުރުވެރިންނަށް އޮންނަ އުސޫލުތަކުގެ ދަށުން އެ ފުރުޞަތު އޮންނާނެކަމަށެވެ.
އޭގެ އިތުރުން ޤައުމަށް އައުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ރިޕޯޓަކާއި ސްރީ ލަންކާގެ ހެލްތު ޑިކްލަރޭޝަން ފޯމެއް ޤައުމަށް އެތެރެވުމުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. ވައިގެ ބަނދަރުގައި އެންޓިޖެން ތަހުލީލުގެ އިތުރުން ޕީސީއާރު ތަހުލީލެއް ހެދުމަށްވެސްވަނީ ހުށަހަޅާފައެވެ. ޤައުމަށް އެތެރެވާ ހުރިހާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުން ލާޒިމްވާނެއެވެ.
ސްރީ ލަންކާއަށް ދަތުރުކުރާ ފަތުރުވެރިން އަތުގައި ކޯވިޑް-19 އިންޝިއުރަންސެއް އޮތުން މަޖުބޫރުވާނެއެވެ. އެ އިންޝިއުރަންސް ނެގޭނެ އެންމެ ކުރު މުއްދަތަކީ އެއްމަސް ދުވަހަށެވެ. ސްރީ ލަންކާއަށް ދަތުރުކުރާ އެއްވެސް ފަތުރުވެރިއެއްގެ އެއްވެސް ޚަރަދަކާއި އެ ޤައުމުގެ ސަރުކާރުން ޙަވާލެއް ނުވާނެއެވެ.
ސްރީ ލަންކާގައި މިހާތަނަށް 25،410 މީހުންނަށް ކޯވިޑް-19 ޖެހި 124 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 878 މީހުންނަށް ބަލިޖެހި ދެ މީހުންވަނީ މަރުވެފައެވެ.