ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ 350 މީހުންގެ ފްލައިޓެއްގައި އަންނަ މީހުން 15 ވަރަކަށް މިނެޓްތެރޭގައި އިމިގްރޭޝަނުން ކްލިއަރ ކުރެވޭނެކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ދެއްވައިފިއެވެ.
އިމިގްރޭޝަން ފަސިންޖަރުން ކްލިއަރކުރުމަށް ވަގުތުދާކަމުގެ ޝަކުވާކުރިންވެސް ލިބެމުން އަންނައިރު އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައި ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރާއްޖެއަންނަ ކޮންމެ ފަތުރުވެރިއަކު އިމިގްރޭޝަން ކްލިއަރެންސްގައި ހޭދަވާނީ ގާތްގަނޑަކަށް 35 ސިކުންތު ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ޓާމިނަލްގައި އިމިގްރޭޝަން ކްލިއަރެންސްގައި މިހާރު 14 ކައުންޓަރުން ޚިދުމަތްދެމުންދާކަމަށާއި، މިކަމަށްދިން ޚާއްސަ އިންސްކަމުގެ ސަބަބުން ސްޕީޑަށް އައިބަދަލާއެކު 350 މީހުންގެ ފްލަިއޓެއް 15 މިނެޓްގެތެރޭގައި މިހާރު އެއްކޮށް ކްލިއަރ ކުރެވޭނެކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް ދެއްވިއެވެ.
ކޮންޓްރޯލަރ ޖެނަރަލް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއެކު ޚިދުމަތްތައް އިތުރަށް ކުރިއަރުވައި ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ހިތްހަމަޖެހުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ކޮންޓްރޯލަރ ޖެނަރަލް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލައި، މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.