ތުރުކީވިލާތުގެ ހަސްފަތާލެއްގައި ކޯވިޑް ބަލި މީހުންނަށް ފަރުވާދެމުންދިޔަ ވެންޓިލޭޓަރެއް ގޮވާ ނުވަ މީހުން މަރުވެއްޖެއެވެ.
މި ހާދިޘާ ހިނގާފައިވަނީ ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދުގައި ހުންނަ ސަންކޯ ޔުނިވަސިޓީ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. ވެންޓިލޭޓަރު ގޮވުމުގެ ސަބަބުން އައިސީޔޫގައިވަނީ އަލިފާން ރޯވެފައެވެ. މި ހާދިޘާގައި މަރުވީ އުމުރުން 56 އަހަރާއި 85 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެތެރެއިން އެކަކު މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަގުމަތީގައެވެ.
ހަސްފަތާލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަސްފަތާލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ގާޑުންގެ ތެރެއިން ފަންސާހަށްވުރެ ގިނަ މީހުންނަށް މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ. މި އެންމެންވެސް ޒަހަމްވީ ހާދިޘާ ހިނގި ވޯޑުގައި ތިބި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރޭގައިކަމަށްވެސް އެ ހަސްފަތާލުން ބުނެއެވެ.
ހަސްފަތާލުގެ ދިހަ މުވައްޒަފަކަށް މިވަގުތު ދަނީ އޮކްސިޖަން ތެރަޕީ ދެމުންނެވެ. އަދި ހާދިޘާ ހިނގި ޔުނިޓުގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އެގާރަ މީހަކު ވަނީ އެހެން ހަސްފަތާލުތަކަށް ބަދަލުކޮށްފައެވެ.
ވެންޓިލޭޓަރު ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ.
ތުރުކީވިލާތުގައި މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 17،851 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 22،195 މީހުންނަށް ބަލިޖެހި 241 މީހުން މަރުވެފައެވެ. އެ ޤައުމުގެ ހަސްފަތާލުތަކުގައި ހުރި އައިސީޔު އެނދުތަކުގެ 74 އިންސައްތަ ފުރިފައިވަނީ ކޯވިޑްގެ ބަލީ މީހުންނާއި ގެންނެވެ. މީ ސަރުކާރުން ހާމަކޮށްފައިވާ ރަސްމީ އަދަދުތައް ނަމަވެސް އަސީޔޫތައް އެއްކޮށް ފުރިފައިވާކަމަށް ބައެއް ޞިއްޙީ ފަރާތްތަކުން ބުނެއެވެ.