އެމެރިކާގެ އިޤްތީޞާދަށް ލިބޭނެކަމަށް އަންދާޒާކުރާ ކުރިއެރުންތަކާއި ގުޅޭގޮތުން އެ ޤައުމުގެ ކޮންގްރެޝަނަލް ބަޖެޓު އޮފީހުން އަރުވާފައިވާ ލަފާތައް ޤައުމުގެ ހަޤީޤީ ހާލަތާއި ނުބައްދަލު ގޮތަކަށް މާނަ ނުކުރުމަށް އެމެރިކާގެ ވައިޓު ހައުސަށް ލަފާ އަރުވާ އިޤްތިޞާދީ މާހިރުން ގޮވާލައްވައިފިއެވެ.
ކައުންސިލް އޮފް އިކޮނޮމިކް އެޑްވައިސާސްގައި އިންނަވާ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުން ކަމުގައިވާ ޖާރެޑް ބާންސްޓެއިންއާއި ހެދާ ބައުޝީ ވިދާޅުވީ މި އަހަރުގެ ތެރޭގައި އެމެރިކާގެ 7 މިލިއަނަށްވުރެ ގިނަ މީހުން ވަޒީފާއެއް ނެތި ތިބޭނެކަމަށް ކޮންގުރެޝަނަލް ބަގެޓު އޮފީހުން ކޮށްފައިވާ އަންދާޒާއިން ދައްކުވައިދެނީ ރައީސް ޖޯ ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަށް ޤައުމު ބޭނުން ޖެހިފައިވާ މިންވަރުކަމަށެވެ. ދެ ބޭފުޅުން ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ މި ޙާލަތުގައި އެއްވެސް ކަމެއް ނުކޮށް ތިބުމުން ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވެ ވަޒީފާގެ ފުރުޞަތުތައް ހުޅުވެންދެން އެތައް އަހަރެއް މަޑުކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
މި ހަފުތާގެ ތެރޭގައި ކޮންގުރެޝަނަލް ބަޖެޓު އޮފީހުން ވަނީ ކުރިން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ހަލުވިކޮށް އެމެރިކާގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ބުނެފައެވެ. އެ އޮފީހުން ވަނީ 2020 ވަނަ އަހަރުގައި 8.1 އިންސައްތައިގައި އޮތް ވަޒީފާ ނެތް މީހުންގެ ނިސްބަތް މި އަހަރުގެ ތެރޭގައި 5.7 އިންސައްތައަށް ތިރިވާނެކަމަށް އަންދާޒާކޮށްފައެވެ. އެއީ މިދިޔަ ޖުލައި މަހުގައި ކޮށްފައިވާ އަންދާޒާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް އެ އޮފީހުން ވަނީ ކޯވިޑް-19ގެ ކުރިން ވަޒީފާހުރި މީހުންގެ ނިސްބަތާއި ހަމައަށް އަލުން ދާނީ 2024 ވަނަ އަހަރުގައިކަމަށްވެސް ބުނެފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކެޓްރީ ޖެނެޓް ޔެލެންވެސްވަނީ ބައިޑަންގެ އިޤްތިޞާދީ ރޭވުންތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތު ބޮޑު ޚަރަދެއްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށްޖަހައި ޙާލަތު ރަނގަޅުކުރަން މަސައްކަތްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި އެ ޚަރަދު މިވަގުތު ކުރުމުން ދިގު މުއްދަތަށް ކުރާ ފައިދާ މާ ބޮޑުވާނެކަމަށް ޔެލެން ވިދާޅުވިއެވެ.
ޔެލެން ފާހަގަކުރެއްވި ގޮތުގައި އެންމެ ފަހުން އެމެރިކާއިން ކުރިމަތިލި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި މައި ސަރުކާރުން ސްޓޭޓުތަކަށް އެދެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުޅެދުމުގެ ސަބަބުން އުމްރާނީ އަދި ތަޢުލީމީ ދާއިރާއަށްކުރާ ޚަރަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި، އޭގެ ސަބަބުން ލޭބާ މާކެޓަށް ނޭދެވޭ ބޮޑު އަސަރެއްކޮށްފައިވާކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ހޯދުމަށް އޭގެ ސަބަބުން ދަތިވިކަމަށް އޭނާ ވިދާޅުވިއެވެ.