ޚަބަރު

ކޯވިޑް ދިފާޢު : މިއަދު 3190 މީހުނަށް ވެކްސިންޖެހި


ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ޖުމްލަ 3190 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ދިން ދުވަހެވެ. ރާއްޖޭގައި ވެކްސިން ޖަހަންފެށިތާ މިއަދަށް ހަފްތާއެއްވެފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 12934 އަކަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2663 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 10626 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 527 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 2308 އަކަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 14 ސެންޓަރެއްގައި ވަނީ ފަށާފައެވެ.
ރާއްޖޭގައި ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިން ފުރަތަމަ ޖަހަންފެށީ ކޯވިޑް-19އިގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގަޔަށެވެ. ނަމަވެސް މިހާރުވަނީ އުމުރުން 55އަހަރުން މަތީގެ މީހުންގެ ގަޔަށްވެސް ވެސްސިން ޖަހަން ފަށާފައެވެ.

ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްވެސްވަނީ ހުޅުވާލާފައެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްއެވެ. ކޮންމެ މީހަކުވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހެއެވެ. މި ވެކްސިން 50،000މީހުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖެއިންދަނީ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ހޯދާ، ވެކްސިން ޖެހޭ ހުރިހާ މީހުންނަށް 6 މަސްތެރޭ ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.