ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ލިބުނު އެތައް މިލިއަން ޑޮލަރުގެ ގެއްލުމަށްފަހު އިނގިރޭސިވިލާތުގެ އެއަރލައިނެއްކަމަށްވާ ވާރޖިން އެޓްލާންޓިކްގެ އުދުހުންތައް މިމަހުގެ 17 ވަނަ ދުވަހު އަލުން ފެށުމަށް އެ އައަރލައިނުން ނިންމައިފިއެވެ.
އެ އައަރލައިނުން މިދިޔަ އަހަރު ދަތުރުކުރި މީހުންގެ އަދަދު ވަނީ 80 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެން ގިނަ އެއަރލައިންތަކެކޭ އެއްގޮތަށް އުދުހުންތައް އަވަހަށް ފެށުމަށް ވާރޖިންއިން ބޭނުން ކަމުގައިވިޔަސް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ އެންމެ އަވަހަށްވެސް ދަތުރުތައް ފެށޭނީ މެއި 17 ގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކަކަށްކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
އިނގިރޭސިވިލާތާއި އެމެރިކާއަކީ މިހާރު ދުނިޔޭގެ އެންމެ ރަނގަޅަށް ކޯވިޑް ވެކްސިންދޭ ޤައުމުތަކަށް ވެފައިވާއިރު ދަތުރުފަތުރު ކުރުން ރައްކާތެރިކަމާއި މެއި 17 އަށްވުރެ ލަސްކުރުމުގެ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ވާރޖިންގެ ޗީފް އެކްޒެކްޓިވް ވަނީ ބުނެފައެވެ.
މަޝްހޫރު ބިލިއަނަރު ރިޗާރޑް ބްރޭންސަންގެ ވާރޖިން ގްރޫޕުން ވަރޖިން އެޓްލާންޓިކްގެ 51 އިންސައްތަ ހިއްސާވާއިރު އެމެރިކާގެ ޑެލްޓާ އެއަރލައިނުން ހިއްސާވަނީ ވާރޖިންގެ 49 އިންސައްތައެވެ. މިދިޔަ އަހަރު އެއަރލަނަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 868 މިލިއަން ޕައުންޑެވެ. މިއީ ކާގޯ އަށް އޮތް ޑިމާންޑެއްގެ ސަބަބުން ލިބުނު ފައިދާއެއްކަމަށްވެސް އެއަރލައިނުން ބުނެއެވެ. އެއަރލައިންގެ ޚަރަދުކުޑަކުރުމަށްޓަކައި މިދިޔަ އަހަރު ވަނީ 41 އިންސައްތަ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައެވެ.