10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ހީނަރުކަމުގައި އޮތް ހޮންކޮންގްގެ އިޤްޠިޞާދު ރަގަޅުވާން ފަށައިފިއެވެ.
ނަމަވެސް ކޯވިޑް ވެކްސިން ދިނުން އެހާ ހަލުއިމިނުގައި ކުރިއަށް ނުދިއުމާއި ޚަރަދުކުރުން ދަށްވެ އަދި އެކްސްޕޯޓަށް ބަރޯސާވުމުގެ ސަބަބުން މި ކުރިއެރުން އެއްމިންގަނޑެއްގައި އަދި ހިފަހައްޓާލެވޭ ވަރެއް ނުވެއެވެ. 6 ކުއާޓަރުގައިވެސް ދަށަށް ދިއުމަށްފަހު މީގެ އެއްހަރު ކުރިން އެ ސިޓީގެ ޖީޑީޕީ ވަނީ 7.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް އެދުވަސްވަރު ހޮންކޮންގް ފުރަބަންދެއްގައި އޮތުމުގެ ސަބަބުން މި ހިސާބުތަކަކީ އެންމެ ރަނގަޅު ހިސާބުތަކަކަށް ނުވެދާނެއެވެ. އޭގެފަހުން ކޮންމެ ކުއާޓަރެއްގައި އިޤްޠިޞާދު އަންނަނީ ކުރިއަރަމުންނެވެ.
ފަހުގެ ހިސާބުތަކަކުން ދެއްކި ގޮތުގައި އެކްސްޕޯޓް ސެކްޓަރ އަންނަނީ ރަގަޅުވަމުންނެވެ. ސިޓީ ހޮޓާތަކާއި ރެސްޓްރޯރެންޓްތައް ފަތުރުވެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވީނަމަވެސް ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. މީގެ އިތުރުން ވެކްސިންދޭ ރޭޓް ދަށްކަމުން ޖުމްލަކޮށް ހޮންކޮންގްގެ އިޤްޠިޞާދު ރަނގަޅުވަމުން އައި ކަމުގައިވީނަމަވެސް އެ ކުރިއެރުން މާބޮޑަކަށް ނުދައްކައެވެ.
ހޮންކޮންގގެ ބޯޑަރު ޤައުމުތަކަށް ހުޅުވާލެވޭނީ ވެކްސިންދޭ ރޭޓް މަތިކޮށްގެން ކަމަށާއި ބޯޑަރު ނުހުޅުވާ އިޤްޠިޞާދު ކުރިއަރާނީ ވަރަށް ގިނަދުވަހުން ކަމަށްވެސް އިޤްޠިޞާދީ މާހިރެއްކަމުގައިވާ އައިރިސް ޕޭންގް ވިދާޅުވިއެވެ.
ހޮންކޮންގްގެ ތާރީޚްގައިވެސް މިދިޔަ ދެ އަހަރަކީ އިޤްޠިޞާދީ ގޮތުން އެސިޓީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ދެ އަހަރެވެ. ސިޔާސީ ހަމަނުޖެހުންތަކާއި އެމެރިކާ އަދި ޗައިނާގެ ގޯސްވެފައިވާ ގުޅުމާއި އަދި މީގެއިތުރުން ކޯވިޑް ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން ހޮންކޮންގްގެ އިޤްޠިޞާދު ވަރަށް ބޮޑަށް ދަށްވިއެވެ.
މި ހުރިހާކަމަކަށްފަހު ދާދިފަހުން އެސިޓީގެ އިޤްޠިޞާދު މިވަނީ ވަރުގަދަ ކުރިއެރުމެއް ހޯދާފައެވެ. ފުރަތަމަ ފަހަރަށް އެކްސްޕޯޓް ވަނީ 51.5 ބިލިއަން ޑޮލަރަށް މަތިވެފައެވެ. ރިޓެއިލް ސޭލްސްގެ އަގު ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީއަށްފަހު ފުރަތަމަ ފަހަރަށް 30 އިންސައްތައަށް އިތުރުވެފައެވެ.
ހޮންކޮންގެ އިޤްޠިޞާދު މިއަހަރު ތެރޭ 3.5 އިންސައްތައާއި 5.5 އިންސައްތާއި ދެމެދުގެ ކުރިއެރުމެއް ހޯދާނެ ކަމަށް ފައިނޭޝިއަލް ސެކްރެޓަރީ ލަފާކުރައްވާފައިވާއިރު އެޤައުމުގެ ސަރުކާރުންވަނީ އެންމެ ފަހުގެ ހިސާބުތައް މިމަހުގެ 14 ދުވަހު އާންމު ކުރާނެކަމަށް ބުނެފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައިދުރުކަން ބަހައްޓަން ޖެހުމާއި މި ނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހުމުގެ ސަބަބުން ފަތުރުވެރިކަމާއި އެހެން ދާއިރާތަކުގެ މަސައްކަތްތައްވެސް އެންމެ ފުރިހަމައަށް ނުގެންދެވޭ ކަމަށާއި މީގެ ސަބަބުން އެންމެ އެކަށީގެންވާ ނަތީޖާ އަދިވެސް ނުނެރެވޭކަމަށް ހޮންކޮންގްއިން ވަނީ ބުނެފައެވެ.