ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ކާރުޚާނާތަކަށް މުވައްޒަފުން ނުލިބިފައި!


އެމެރިކާގެ އިޤްޠިޞާދު އަލުން ރަގަޅުވާން ފަށާފާވާއިރު ތަކެއްޗަށް އޮތް ޑިމާންޑްވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ތަކެތި އުފައްދާ ކާރުޚާނާތަކަށް ވަނީ އެތަންތަނުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ބޭނުން އިންތިހާއަށް ޖެހިފައެވެ.

ތަކެތި އުފެއްދުން އިތުރުވެ ކުރިއަރައިގެން ދިޔަނަމަވެސް ބައިމިލިއަނަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތައް އެ ދާއިރާގައިވަނީ ހުޅުވާލެވިފައެވެ. ވެލްޑަރުންނާއި މަރާމާތުކުރާމީހުން ކަހަލަ ޚާއްޞަ ހުނަރުތައް ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަކީ ދަތިއުދަގޫކަމަކަށްވަނީ ވެފައެވެ. މީގެ އިތުރުން މާ ބޮޑު ތަޖުރިބާއެއް ބޭނުންނުވާ އާދައިގެ ވަޒީފާތަކަށްވެސް މުވައްޒަފުން ހޯދުން ވަނީ ދަތިވެފައެވެ. ހުނަރު ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަކީ އާންމުކޮށް ދަތިކަމަކަށްވީނަމަވެސް އެ ދަތިކަން މިހާރުވަނީ އިންތިހާއަށް ގޮސްފައިކަމުގައި ކާރުޚާނާތަކުން ބުނެއެވެ.

2030 އަންނަންވާއިރު 2.1 މިލިއަނަށްވުރެ ގިނަ ކާރުޚާނާތަކުގެ ވަޒީފާތައް ހުންނާނީ ހުސްކޮށްކަމާއި މީގެ ސަބަބުން އާމްދަނީއަށް އޭގެ އަސަރުފޯރާނެކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަދި މިއީ 1 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް އެމެރިކާގެ އިޤްޠިޞާދަށް ކުރާނެކަމެއްކަމަށްވެސް އެ ރިޕޯޓްގައިވަނީ ބުނެފައެވެ.

އުފައްދާ ތަކެއްޗަށް މިހާބޮޑު ޑިމާންޑެއް އޮއްވައި މަސައްކަތްކުރާނެ މީހުން ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އެމެރިކާގެ އިންޑަސްޓްރިއަލް ޕްރޮޑަކްޓްސް އެންޑް ކޮންސްޓަރަކްޝަންސް ގެ ވައިސް ޗެއަރމަން ވަނީ ބުނެފައެވެ.

ކާރުޚާނާތަކާ ޙަވާލާދީ މި ރިޕޯޓްގައި ބުނާގޮތުން 2018 ވަނަ އަހަރާއަޅާބަލާއިރު ހުނަރުވެރި މީހުން ވަޒީފާތަކަށް ހޯދުން މިހާރު ވަނީ ދަތިވެފައެވެ. އަދި ސާރވޭގައި ބައިވެރި ކާރުޚާނާތަކުގެ އިސްވެރިންގެ 77 އިންސައްތަ މީހުން ބުނާގޮތުގައި އެމީހުން ލަފާކުރަނީ ކުރިއަށްހުރި ދުވަސްތަކުގައި ވަޒީފާތަކަށް މީހުން ހޯދައި ދެމެހެއްޓުން ވާނީ ވަރަށް ދަތިކަމަކަށެވެ. މީގެ އެއްސަބަބަކީ ބައެއް މީހުން ހީކުރާގޮތުގައި ވަކިހިސާބަކުން އެމީހުންގެ މަސައްކަތްތައް މެޝިން ބޭނުންކޮށްގެން ކޮށް އެމީހުންގެ ވަޒީފާތައް ގެއްލިގެން ދިއުމެވެ. ނަމަވެސް މެޝިންތަކުގެ މަސައްކަތަކީ އެއްޗެހި ތަންތަނަށް އުފުލާހެދުންކަމާއި މުވައްޒަފުންގެ އުފެއްދުންތެރިކަން މެޝިންތަކަކުން ނުލިބޭނެކަން ކާރުޚާނާތަކުން ބުނެއެވެ. އަދި މީހުން ހީކުރަނީ ކާރުޚާނާތަކުގެ ވަޒީފާތަކަކީ ވަރަށް ދަށް ވަޒީފާތަކެއް ކަމަށާއި ކުރިއަރައިގެން ނުދާ ވަޒީފާތަކެއް ކަމަށެވެ.

ކަނބުލޮ

ރާއްޖޭ މީހުން ފޮނުވަންވީނު