ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި އިނގިރޭސިވިލާތުގެ ގުޅުން ވަރުގަދަކުރުމަށް ދެ ޤައުމުން ބައްދަލުކޮށްފި


ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައިވަނީ އެމެރިކާގެ ވިޔަފާރިތައް ތަމްސީލުރައްވާ ކެތްރީން ތައި އާއި އިނގިރޭސިވިލާތުގެ ވިޔަފާރިތަކާއި ބެހޭ ސެކްރެޓަރީ ލިޒް ޓްރަސްއެވެ. މިކަމަށް އެއްބަސްވެފައިވަނީ އަންގާރަ ދުވަހު ވޮޝިންގޓަނުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި މަތިންދާ ބޯޓު ހަދާ ދެ ކުންފުނި ކަމަށްވާ އެއަރބަސް އާއި ބޮއިންއަށް އެހީ ދިނުމުގައި ދެ ޤައުމުގެ ދެމެދުގައި ދިގުމުއްދަތަކަށް އުފެދިފައިވާ ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށް މިކަމުގައި ދެ ޤައުމުންވެސް އެއްބާރުލުން ދޭން ވަނީ ނިންމާފައެވެ.

މީގެއިތުރުން ދުނިޔޭގެ ވިޔަފާރިތަކުގެ މެދުގައި އިންސާފުވެރި ވާދަވެރިކަމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށާއި ޤައުމުތަކުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށްވެސް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފައެވެ. އަދި މަޖުބޫރުން މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުވާ މައްސަލައަށްވެސް އަލިއަޅުވާލައި ދެ ފަރާތުން ވަނީ ވާހަކަ ދައްކާފައެވެ.

އިންސާފުން ބޭރުން ހިންގާ ވިޔަފާރީގެ އުޞޫލުތަކުގެ މައްޗަށް ވާހަކަ ދެއްކުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައި އޮތް 270.75 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުން ކުރިއަރުވާނެ ގޮތްތަކުގެ މަޝްވަރާތައްވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކަމަށް އިނގިރޭސިވިލާތުގެ ވިޔަފާރިތަކާއި ބެހޭ ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމަށް މީގެކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތުގައި އިނގިރޭސިވިލާތުން ވާހަކަތައް ދައްކަން މަސައްކަތް ކުރިނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާއި ޙަވާލުވުމުގެ ކުރިން މިކަމަށް އޮތީ އެއްބަސް ނުވެވިއެވެ. ބައިޑަންގެ ރިޔާސަތުން ވަނީ މިގޮތަށް ހުރި ހުރިހާ ވިޔަފާރީގެ އެއްބަސްވުންތަކެއް އަލުން މުރާޖަޢާ ކުރަން ފަށާފައެވެ.