ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރުމުގެ މައްސަލައިގައި ސަޢޫދީ އަރަބިއްޔާއާއި ޔޫއޭޢީން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރުމުގެ މައްސަލައިގައި ސަޢޫދީ ޢަރަބިޔާއާއި ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޔޫއޭއީގެ ހަކަތައާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔޫއޭއީން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އަދިވެސް ކަނޑަނާޅާކަމަށާއި ނަމަވެސް އެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.
ބާޒާރުގައި އުފައްދާ ތެލުގެ މިންވަރު ދަށްވުމުގެ ސަބަބުން އަގުތައް އުފުލެމުންދިއުމާއެކު ބާޒާރަށް ތެޔޮ ނެރޭ މިންވަރު އިތުރުކުރުމަށް މީގެކުރިން އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގް ކަންޓްރީޒް (އޯޕެކް)އިން މި މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ނަމަވެސް ތެޔޮ އުފައްދާނެ ވަކި މިންގަނޑެއް ކަނޑައެޅުމުގައި ސަޢޫދީ އަދި ޔޫއޭއީންވެސް އަމިއްލަ ވަކި ކޯޓާއެއް ބޭނުންވާތީ މިކަމުގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ނެރޭ މިންވަރާއިމެދު އަދިވެސް ގޮތެއް ނުނިންމެއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޯޕެކުން އުފައްދަމުން ދިޔައީ ދުވާލަކަށް 10 މިލިއަން ފީފާގެ ތެލެވެ. އަދި މިހާރު މި ޢަދަދު ވަނީ 5.8 މިލިއަނަށް ދަށްވެފައެވެ.
ތެލުގެ އަގު ހަމައަކަށް އެޅުވުމަށް ބާޒާރަށް ދުވާލަކަށް 2 މިލިއަން ފީފާގެ ތެޔޮ ނެރެން އޯޕެކުން ވަނީ ހުށަހަޅާފައެވެ. އަދި ޔޫއޭއީން ބާޒާރަށް ނެރޭ ތެލުގެ މިންވަރު ވަނީ 3.65 މިލިއަނަށް އިތުރުކޮށްފައެވެ. މިއާއެކު އެހެން މެމްބަރު ޤައުމުތަކުންވެސް ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމަށް ބެލެވޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ތެލަށް އޮތް ޑިމާންޑު އިތުރުވަމުންދާތީ މިއަހަރުގެ އޯގަސްޓުމަހުން ޑިސެމްބަރަށް ދުވާލަކު 400000 ފީފާގެ ތެޔޮ ބާޒާރަށް ނެރެން އޯޕެކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޔޫއޭއީން ވަނީ އެޤައުމުގެ އަމިއްލަ ކޯޓާއެއް ނުދެނީސް އެކަމަށް އެއްބަސްނުވާނެކަމަށް ބުނެފައެވެ.
ސަޢޫދީއާއި ޔޫއޭއީން ތެޔޮ ނެރޭ މިންވަރަށް އެއްބަސްވެފައިވާކަމުގެ ޚަބަރާއެކު ތެލުގެ އަގަށްވަނީ ބަދަލު އައިސްފައެވެ. ބެރެންޓް ބެންޗްމާރކްގައި ތެޔޮ ފީފާއެއްގެ އަގުވަނީ 75 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޗައިނާގައި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މި އެއްބަސްވުމުގެ ކުރިންވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލު އަންނަން ފަށާފައެވެ.