ދުނިޔޭގެ ވިޔަފާރި

ޝިންޖިއާންގެ އުފެއްދުންތައް އެތެރެކުރުން މަނާކުރާ ބިލެއް އެމެރިކާއިން ފާސްކޮށްފި


އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކުރާ ބިލެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.

މިއީ ޝިންޖިއާންގް ޕްރޮވިންސްގައި އިންސާނީ ޙައްގުތަކާއި ޚިލާފަށް ޗައިނއިން ޢަމަލުކުރަމުންދާކަމަށް ތުހުމަތުކުރާ މައްސަލައިގައި ޗައިނާއާ ދެކޮޅަށް އެމެރިކާއިން އެންމެފަހުން އެޅި ފިޔަވަޅެވެ.

އެމެރިކާއިން ބުދަ ދުވަހު ބޮޑު އަޤުލަބިއްޔަތަކުން ފާސްކުރި މި ބިލުގައި ބުނާގޮތުން، އުފެއްދުންތައް އުފައްދާފައިވަނީ މަޖުބޫރުން މަސައްކަތްތެރިން ލައްވާ މަސައްކަތްކޮށްގެން ނޫންކަން ޝިންޖިއާންގުން މުދާ އެތެރެކުރާ ފަރާތްތަކުން ހެއްކާއެކު ޔަޤީންކޮށްދޭން ޖެހެއެވެ.

އޮއިގޫ ފޯރސްޑް ލޭބަރ ޕްރިވެންޝަން އެކްޓުގެ ދަށުން ހުށަހަޅާފައިވާ މި ބިލް ތަސްދީޤު ކުރުމަށް ވައިޓް ހައުސްއަށް ފޮނުވުމުގެ ކުރިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްއިން މި ބިލު ފާސްކުރަންޖެހެއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި ބިލާއިބެހޭގޮތުން ވާހަކަ ބަހުސްކުރާނީ ކޮންއިރަކުކަމެއް އަދި ނޭނގެއެވެ. މީގެކުރިން އެމެރިކާއިން ވަނީ ޝިންޖިއާންގްގައި ވިޔަފާރިތައް އުފައްދާ އިންވެސްޓްކުރާ އެމެރިކާގެ ކުންފުނިތަކަކީ އެ ޤައުމުގެ ޤާނޫނަށް ތަބާ ނުވާ ކުންފުނިތަކެއްކަމަށް ބަލާނެކަމަށް ބުނެ އިންޒާރުދީފައެވެ.

ޝިންޖިއާންގް ޕްރޮވިންސްގައި އުފައްދާ ކަފައާއި ޓޮމާޓޯ އެތެރެކުރުންވެސް އެމެރިކާއިން މީގެކުރިން ވަނީ މަނާކޮށްފައެވެ.

މި ބިލް ހުށަހެޅި ރިބަޕްލިކަން ޕާޓީގެ ސެނެޓަރ މާކޯ ރޫބިއޯ އަދި ޖެފް މާކެލޭ ވަނީ ބިލް އަވަސް ކުރުމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވް އަށް ގޮވާލާފައެވެ.
އަދި މިގޮތަށް އިންސާނިއްޔަތާއި ޚިލާފު އެއްވެސް ކަމެއް ކުރާ ތަނަކުން އެމެރިކާގެ އެއްވެސް ކުންފުންޏަކަށް ފައިދާ ވާން ބޭނުންނުވާކަމަށް މާކްލޭ ވަނީ ވިދާޅުވެފައެވެ.

މިފަދަ ޤާނޫނުތައް މިދިޔަ އަހަރުވެސް ހައުސްއިން ފާސްކޮށްފައިވާއިރު ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީން ވެސް އުންމީދު ކުރަނީ ހައުސްއިން މި ޤާނޫނު ފާސްކުރާނެކަމަށެވެ.

ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަކީ ޗައިނާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުން ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް، ޗައިނާ ޖަވާބުދާރީކުރުވުމަށް އެމެރިކާގެ ރައީސް ބައިޑަން ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް ޗައިނާއިން ދަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކުރަމުންނެވެ. ޗައިނާއިން ބުނާގޮތުން އެޤައުމުން ކުރާ މަސައްކަތަކީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތެކެވެ.