ކޯވިޑާއި ގުޅިގެން އިޤްޠިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަގުތީ ހައްލު ހޯދުމުގެ ބަދަލުގައި، އިޤްތިޞާދު އާރާސްތުކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ގޮވާލައިފިއެވެ.
އައިއެމްއެފްއިން ބުނީ ކޯވިޑް19ގެ ސަބަބުން ކުރިއަރަމުންދިޔަ ބައެއް ޤައުމުތަކުގެ އިޤްޠިޞާދު އާރާސްތުކުރުމަށް ހިންގި ޕްރޮގްރާމްތައް މަޑުޖެހިފައިވާކަމަށެވެ. އަދި އަލުން އެ ޕްރޮގްރާމްތައް ފެށުމަކީ އިޤްޠިޞާދު އާރާސްތުކުރުމުގެ މަސައްކަތަށް ލިބޭނެ ކުރިއެރުމެއްކަމަށް އައިއެމްއެފްއިން ބުނެއެވެ.
ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރުގެ އޮނިގަނޑު ބަދަލުކޮށް އަވަސް ބަދަލެއް ގެންނަ އުޞޫލުތަކެއް ކަނޑައެޅުމުން ވަޒީފާތައް އިތުރުވެ އިޤްޠީޞާދު ކުރިއަރައިގެންދާނެކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ. އަދި ޔޫރަޕާއި އެމެރިކާގައިވެސް ބަހުސްކުރަމުންދާ ފަދަ އުސޫލުތަކެއް އެކުލެވޭ އޮނިގަނޑެއްގެ ސަބަބުން ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.
އައިއެމްއެފްއިން ޤައުމުތަކަށް މިގޮތަށް ގޮވަލާފައި މިވަނީ ޤައުމުތަކުގެ އިޤްޠިޞާދަށް ބަދަލު ގެނެސް އާރާސްތުކުރުމަށް މީގެކުރިންވެސް އައިއެމްއެފްއިން ދެމުން އަންނަ ލޯނު އެހީ ދިނުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިގޮތުން މިދިޔަ ހަފްތާ އައިއެމްއެފްއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ އެހީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ދިނުމަށް އެއްބަސްވެފައެވެ. މި އެހީގެ ދަށުން އެ ޤައުމުގެ ޢާމްދަނީ އިތުރުކުރުމާއި، ޤުތުރަތީ ވަޞީލަތްތައް ރަގަޅުގޮތުގައި ބޭނުންކުރުމުގެ އިތުރުން ކޮންގޯގެ މާލީ ޙާލަތު ވަރުގަދަކުރުމަށްވެސް މަސައްކަތްކުރާނެއެވެ. މީގެއިތުރުން 2018 ވަނަ އަހަރު އާޖެންޓީނާއަށް 57 ބިލިއަން ޑޮލަރުގެ އެހީ ދީފައިވާއިރު މި އެހީ އިތުރުކުރަން މަޝްވަރާތައް ދަނީ ކުރަމުންނެވެ.
ވަޒީފާގެ ބާޒާރާއި އުފެއްދުންތައް އަދި މާލިއްޔަތަށް ގެންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖީޑީޕީ ކުރިއަށްއޮތް ދުވަސްތަކުގައި 1 އިންސައްތައަށް އިތުރުވެގެންދާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ. އަދި މިފަދަ ފިޔަވަޅުތައް ނަގާ ޤައުމުތަކުގެ ދިރިއުޅުމުގެ ފެންވަރާއި އިޤްޠިޞާދު އާރާސްތުވާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބި ވިޔަފާރިތައް ތަރައްޤީކުރުމަށް އެހީއަކަށްވެސް ވެގެންދާނެއެވެ.