ދުނިޔޭގެ ވިޔަފާރި

ރެސްޓޯރެންޓްތައް ހުޅުވާލުމާއެކު ކޮކާ ކޯލާގެ ވިޔަފާރި ރަނގަޅުވެއްޖެ


އެމެރިކާގެ މަލްޓިނޭޝަނަލް ބެވަރޭޖް ކުންފުނި، ކޯކާ ކޯލާގެ ވިޔަފާރި އަހަރުގެ ދެވަނަ ކުއާޓަރުގައި އުންމީދުކުރިވަރަށް ރަނގަޅު ވެއްޖެއެވެ.

އޭޕްރީލުން ޖޫން މަހާއި ދެމެދު ކުންފުނީގެ އާމްދަނީ 42 އިންސައްތައަށް އިތުރުވެ އާމްދަނީގެ ގޮތުގައި 10.1 ބިލިއަން އެމެރިކާ ޑޮލަރު ކުންފުންޏަށް ވަނީ ލިބިފައެވެ. އަދި މިއީ ވޯލް ސްޓްރީޓުން ލަފާކޮށްފައިވާ 9.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ ޢަދަދެކެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު ކުންފުނީގެ ވިޔަފާރި ރަނގަޅުވުމުން މުޅިއަހަރަށް ޢާމްދަނީ ލިބޭނެކަމަށް ލަފާކުރާވަރުވެސް ކުންފުނިން ވަނީ މަތިކޮށްފައެވެ.

ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭންފެށުމުގެ ސަބަބުން ބޭރުން ކާ މީހުން ގިނަވުމާއެކު 2019 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއަށްވުރެ އިތުރަށް މިއަހަރުގެ މިހާތަނަށް ފައިދާވެފައިވާކަމަށްވެސް ކުންފުނިން ބުނެއެވެ.

ރެސްޓޯރެންޓްތަކާއި ޕާކްތަކާއި ސްޓޭޑިއަމްތައް ހުޅުވުމާއެކު މިދިޔަ އަހަރު މި ދުވަސްވަރު ގޭގައި ބަންދުވެގެން ތިބި އެންމެންނަށް ބޭރަށް ނިކުތުމުގެ ފުރުޞަތު ލިބި ކުންފުނީގެ ބުއިންތަކުގެ ވިޔަފާރިވެސް ވަނީ ރަނގަޅުވެފައެވެ.
މީގެއިތުރުން ކުންފުނި އިޝްތިހާރުކުރުމަށް މިދިޔަ އަހަރު ޚަރަދުކުރިވަރަށްވުރެ ދެގުނަ މިއަހަރު ޚަރަދުކޮށްފައިވާއިރު އިޝްތިހާރުގެ ސަބަބުންވެސް ވިޔަފާރި ވަނީ ރަނގަޅުވެފައެވެ.

ކުޅިވަރުކުޅޭއިރު ބޯ ބުއިންތަކުގެ ޑިމާންޑްވެސް ވަނީ އުފުލިފައެވެ. މީގެއިތުރުން ކުންފުނީގެ ކޮފީ ރީޓެއިލް ފިހާރަ ކޯސްޓާ އިނގިރޭސިވިލާތުގައި ހުޅުވުމާއެކު ކޮފީގެ ވިޔަފާރިވެސް ވަނީ 78 އިންސައްތައަށް އިތުރުވެފައެވެ. އަދި ދާދިފަހުން ކުންފުނިން ތަޢާރަފްކުރި ކޯކް ޒީރޯ ޝުގަރގެ އައު ވައްތަރު ލޯންޗްކޮށްފައިވާ 50 ބާޒާރުން މިއަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަމަށްވެސް ކުންފުނިން ބުނެއެވެ. ނަމަވެސް ވެކްސިންދޭ ރޭޓް މަދުވުމާއި އައު ވޭރިއަންޓްތައް ފެތުރޭ ސަރަޙަދުތަކުގައި އަދިވެސް ކުންފުނީގެ ވިޔަފާރީ އެހާ ރަނގަޅުނޫން ކަމަށް ކޯކާ ކޯލާ ކުންފުނިން ބުނެއެވެ.

ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ތަފާތު ވައްތަރުގެ ބުއިންތައް އުފައްދާ އެހެން ކުންފުނިތައް ފަދައިން ކޮކާ ކޯލާއަށްވެސް ވަނީ އަސަރުކޮށްފައެވެ.