ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކުންފުނި ސަޢުދީ އަރަމްކޯގެ ޑޭޓާތައް ލީކް ކޮށްލައި ބަދަލުގައި 50 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ހެކަރުން ބުނެފިއެވެ.
މިކަމާ ގުޅިގެން އަރަމްކޯއިން ނެރުނު ބަޔާނެއްގައިވަނީ ކުންފުނީގެ ކޮންޓްރެކްޓަރުންގެ އަތުގައި ހުރި ޑޭޓާތަކެއް ލީކްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ކުންފުނީގެ ސިސްޓަމްގެ މައްސަލައަކުން ލީކްވެފައިވާ ޑޭޓާތަކެއް ނޫންކަމަށް ޔަޤީންކުރެވޭކަމަށްވެސް އަރަމްކޯއިން ބުނެއެވެ.
ހެކަރުން ވަނީ ކުންފުނީގެ 1 ޓެރަބައިޓްގެ ޑޭޓާ ވަގަށްނަގާފައި ކަމަށާއި ތެޔޮ އުފައްދާ ތަންތަނުގެ މަޢުލޫމާތާއި ޕޭރޯލް ފައިލްތަކާއި ސިއްރުކޮށްފައިވާ ކޮންޓްރެކްޓަރުންގެ މަޢުލޫމާތުވެސް އެބަހުރިކަމަށް ހެކަރުން ބުނާކަމަށް އެސޯސިއޭޓް ޕްރެސް އިން ރިޕޯޓުން ހާމަކުރެއެވެ.
މީގެއިތުރުން މި ހުރިހާ މަޢުލޫމާތެއް ފޮހެލާނީ 50 މިލިއަން އެމެރިކާ ޑޮލަރު އެމީހުންނަށް ދިނުމުންކަމަށްވެސް ހެކަރުންވަނީ ބުނެފައެވެ. އަދި އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް 5 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން ތައްޔާރު ކަމަށްވެސް ހެކަރުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ކަމަށް އެސޯސިއޭޓް ޕްރެސް އިން ރިޕޯޓް ކުރެއެވެ.
މިއީ ކޮންބަޔަކު ކުރި ކަމެއްކަން އަރަމްކޯއިން ހާމަނުކުރާއިރު އެސޯސިއޭޓް ޕްރެސްއިން ރިޕޯޓްކުރި ޚަބަރާއި ގުޅިގެންވެސް އަރަމްކޯއިން ވަކި އެއްޗެއް ނުބުނެއެވެ.
ތެޔޮ ވަޅުތަކާއި ތެޔޮ އުފައްދާ ތަންތަނާއި ޕައިޕްލައިންތައްވެސް ހުންނަ ސަޢޫދީ އަރަމްކޯ ކުންފުނިން ސައިބަރ ސެކިއުރިޓީއަށް އިންވެސްޓް ކުރުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް މާހިރުން ވިދާޅުވެއެވެ.
އަރަމްކޯ ކުންފުންޏަށް މިފަދަ ޙަމަލާއެއް އައި މިއީ ފުރަތަމަ ފަހަރު ނޫންކަމަށްވެސް ޚަބަރުތައް ބުނެއެވެ. 2012 ވަނަ އަހަރު ޝަމްއޫން ވައިރަސް ކިޔާ ވައިރަސްއެއް ވަނީ ކުންފުނީގެ ކޮމްޕިޔުޓަރ ނެޓްވޯކަށް ހަމަލާދީފައެވެ.
ހަކަތައާއި ތެލުގެ ސިނާޢަތުން ސައިބަރ ސެކިއުރިޓީއަށް އިންވެސްޓް ކުރުން ފެއިލްވެފައިވާތީ ވޭތުވެދިޔަ އަހަރުތަކުގައި އެ ސިނާޢަތަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެމެރިކާގެ ތެލާއި ގޭސް ހޮޅި އަޅާ ކުންފުނި ކޮލޯނިއަން ޕައިޕްލައިނަށް މިއަހަރު ހެކަރުން ދިން ހަމަލާއާއި ގުޅިގެން މި ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.