ހޮންކޮންގައި ތިބި ޗައިނާގެ އޮފިޝަލުންނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ކޮމާރސް، ވިލްބަރ ރޮސްއާއި އިތުރު އޮފިޝަލުންތަކެއްގެ މައްޗަށް ޗައިނާއިން ފިޔަވަޅު އަޅައިފިއެވެ.
ޖޫންމަހު ޗައިނާއިން އެންޓި ފޮރިން ސެންކްޝަން ބިލެއް ފާސްކޮށްފައިވާއިރު، މިއީ އެޤާނޫނުގެ ދަށުން ފިޔަވަޅު އަޅާ ފުރަތަމަ ފަހަރެވެ. އަދި ފިޔަވަޅުތައް އަޅާފައި މިވަނީ ޗައިނާއާއި އެމެރިކާއާއި ދެމެދު ގުޅުން ވަރުގަދަކުރުމަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ވެންޑީ ޝަރުމޭން ޗައިނާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައިވެސްމެއެވެ.
ޗައިނާއިން ވަނީ އެމެރިކާގެ ބައެއް މުޢައްޞަސާތައް ތަމްޞީލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާފައެވެ. މިގޮތުން ފިޔަވަޅުއެޅި ބައެއް މުޢައްސަސާތަކުގެ ތެރޭގައި ކޮންގްރެޝަނަލް އެގްޒެކެޓިވް ކޮމިޝަން އޮން ޗައިނާއާއި ޔޫއެސް ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަން ހިމެނެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އެއްވެސް ކަހަލަ އަސާސެއްނެތި ހޮންކޮންގައި ހުންނަ ޗައިނާގެ ކޮމާޝަލް އެންވަޔަރްމަންޓް އޮފީހުގެ މައްޗަށް ފިޔަވަޅު އަޅައި އަދި ހޮންކޮންގްގައި ތިބި ޗައިނާގެ އޮފީޝަލުންނަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީވެސް ޤާނޫނާއި ޚިލާފަށްކަމަށެވެ.
ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވިގޮތުގައި ޗައިނާއިން އަޅާފައިވާ މި ފިޔަވަޅުގެ ސަބަބުން އެމެރިކާއިން ދޫނުދޭނެކަމަށް ބުނެފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޚިދުމަތްކޮށްދީފައިވާ އޮފިޝަލުންނަށް ޗައިނާއިން ފިޔަވަޅު އަޅާ މިއީ ދެވަނަ ފަހަރުވެސްމެއެވެ. ވިޔަފާރިތަކާއި އެކަމާއިބެހޭ އުޞޫލުތަކާއި އިންސާނީ ޙައްޤުތައް އަދި މިނޫންވެސް އެކިކަހަލަ މައްސަލަތަކުގައި ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއަށް ވަނީ އަޅާފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ރިޔާސަތުގައިވެސް ޗައިނާއިން ވަނީ ޓްރަމްޕް ވެރިކަމުގެ 27 އޮފިޝަލުންގެ މައްޗަށް ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯވެސް ހިމެނެއެވެ.
ޗައިނާއާއި އެމެރިކާގެ ގުޅުން ގޯސްވެފައިވާއިރު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް، މި ހަފްތާ ބަންދުގައި ޗައިނާއަށް ކުރުމަށް ހަމަޖެހިފައިވާ ޒިޔާރަތުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އަދި ޗައިނީޒް ސްޓޭޓް ކައުންސިލަރާއިވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހީނަރުވެގެން ނުދާނެކަމުގެ ޔަޤީންކަން ހޯދުމަށް މި ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ސްޓޭޓް މަސައްކަތްކުރައްވާނެކަމަށް ޚަބަރުތައް ބުނެއެވެ.