ޚަބަރު

ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި


ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރަައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޯވިޑްއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަކުރުން ކަމުގައި ވުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވާކަމަށެވެ.

މިގޮތުން މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، ދެވަނަ ޑޯޒް ޖަހަން ޖެހޭ މުއްދަތު ތެރޭގައި ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކާތެރި ނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރުން ލަފާ ދޭ މުވައްޒަފުންވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް ރައީސް އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޯވިޑުން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.