ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް ސަޢުދީ ސަރުކާރާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް އަވަހަށް ފެހި ސިގްނަލް ލިބިގެންދާނެ ކަމަށް އިކޮނޮމިކް ކައުސިލްގެ ކޯ-ޗެއަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ސަޢުދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ، ދިމާވި މައްސަލަތަކަކާ ސައޫދީން އަގު ހެޔޮކޮށް ތެޔޮ ހޯދުމުގެ މަސައްކަތް ލަސްވެގެން ދިޔައީ ކަމަށެވެ. އެހެންނަމަވެސް މިދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އެ ހުރިހާކަމެއް ސައުދީ ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. އަދި ސައުދީ ގެ ތެޔޮ ކުންފުނި އަރަމްކޯއިން ދިވެހި ސަރުކާރަށް ލިބެންޖެހޭ ލިޔެކިޔުންތައް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދިޔަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރައީސް ޔާމީން ހައްޖަށް ވަޑައިގެން ސައުދީ ރަސްގެފާނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯދުމުގެ ކުރެއްވި މަސައްކަތްޕުޅަށް ކުރިއެރުންތަކެއް ލިބިފައިވާކަން ވަނީ ހާމަކޮށްފައެވެ. އަރަމްކޯ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ތެޔޮ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ސައުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުންޏެކެވެ.