އޮސްޓުރޭލިޔާގެ ވިކްޓޯރިޔާ ސުޓޭޓުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލުމަށް ނިންމައިފިއެވެ.
ފަސް މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ މެލްބަންނަކީ ދުނިޔޭގައި އެންމެ ދިގު ފުރަބަންދެއް ތަންފީޒުކޮށްފައިވާ ރަށެވެ. މެލްބަންގައި ފުރަބަންދުގެ އުޞޫލުތަކެއް އެންމެ ފުރަތަމަ ތަންފީޒުކޮށްފައިވަނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ހަ ފަހަރެއްގެ މަތިން އެ ރަށްވަނީ ފުރަބަންދުކޮށްފައެވެ. މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު އުވާލާނީ އެކި ފަހަރުމަތިން އެ ރަށް ޖުމުލަ 262 ފުރަބަންދުކުރުމަށްފަހުއެވެ.
މެލްބަންގެ ޕުރިމިޔަރ ޑެނިޔަލް އެންޑުރޫސް ވިދާޅުވީ މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލުމަށް ނިންމީ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގެ 70 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރާނެކަމަށް ބެލެވެމުންކަމަށެވެ. އަދި އެއާއެކު މެލްބަންގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލުމުގެ އިތުރުން އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އުވާލުމަށް ނިންމާފައިވާކަމަށް އެންޑުރޫސް ވިދާޅުވިއެވެ.
އޮސްޓުރޭލިޔާއަކީ ދުނިޔޭގައި ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ އެއް ޤައުމެވެ. އަދި މީގެ ކުރިން ބަލިމަޑުކަން ފެތުރުން އެ ޤައުމުންވަނީ ހުއްޓުވައިފައެވެ. ނަމަވެސް ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއް ފުރަބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ހަރުކަށިކޮށްފައެވެ.