ޔަހޫދީންނާއެކު ފެނައި ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ދެކޮޅަށް އުރުދުންގައި ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
އިސްރާއީލާއި އުރުދުންނާ ދެމެދު ސޮއިކުރުމަށް ނިންމައިފައިވާ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އުރުދުންނަށް ޑީސެލިނޭޓުކޮށްފައިވާ 200 މިލިޔަން ކިޔުބިކް މީޓަރުގެ ފެން ފޯރުކޮށްދޭނެއެވެ. ބަދަލުގައި ޔޫއޭއީގެ އެހީތެރިކަމާއެކު އުރުދުންގައި ޤާއިމުކޮށްފައިވާ އަވިން ހަކަތަ އުފެއްދުމުގެ ނިޒާމު މެދުވެރިކޮށް 600 މެގަވޮޓުގެ ކަރަންޓު އިސްރާއީލަށް ދޭން ޖެހޭނެއެވެ. އެއީ މީގެ 27 އަހަރު ކުރިން އިސްރާއީލާ އުރުދުންނާ ދެމެދު ގުޅުންބަދަހިކުރިފަހުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރައި އެންމެ ބޮޑު އެއްބަސްވުމަށެވެ.
ޔަހޫދީންނާއެކު ސޮއިކުރާ އެއްބާސްވުމާ ދެކޮޅަށް މުޒާހަރާކުރާ ޢުރުދުންގެ ރައްޔިތުން ބުނާ ގޮތުގައި އެއްބަސްވުމުގެ ސަބަބުން އުރުދުނުން އިސްރާއީލަށް ބަރޯސާވާން ޖެހޭނެކަމަށެވެ. އަދި ޔަހޫދީންނަށް އިތުބާރު ނުކުރާކަމަށާއި އެއީ އެއްވެސް އެއްބަސްވުމަކަށް ޢަމަލުކުރުންމަތީ ދެމިތިބޭނެ ބައެއް ނޫންކަމަށް ބުނެ އުރުދުންގައި ޢާއްމުންވަނީ އަޑުއުފުލައިފައެވެ.
ފާއިތުވި އަހަރުތަކުގައި އުރުދުންގެ އާބާދީގެ ނިޞްބަތް އިންތިހާއަށް އުފުލުމުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި އެ ޤައުމަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އދގެ ވުޒާރާތަކުން ބުނާ ގޮތުގައި ދުނިޔޭގައި ސާފު ބޯފެން ލިބެން އެންމެ މަދުން ލިބޭ ދެ ޤައުމުގެ ތެރޭގައި އުރުދުން ހިމެނެއެވެ. އަދި އެންމެ ފަސޭހައިން އަދި އެންމެ އަގުހެޔޮކޮށް ފެން ލިބޭނެ ގޮތަކީ އިސްރާއީލުން ފެން ހޯދުންކަމަށް އުރުދުންގެ ސަރުކާރުންވަނީ ބުނެފައެވެ. އުރުދުންގެ ސަރުކާރުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ރަތް ކަނޑުން ޑީސެލިނޭޓުކޮށްފައިވާ ފެން އެ ޤައުމުގެ ސަރަޙައްދުތަކަށް ފޯރުކޯށްދިނުމަށް 2.8 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެއެވެ. އުރުދުންނަކީ އެހެން ޢަރަބި ޤައުމުތަކަށްވުރެ ފަޤީރު ޤައުމެކެވެ.
މީގެ ކުރިން އުރުދުންނަށް ސާފު ބޯފެން ލިބުން ދަތިވުމުގެ ސަބަބުން ފެން ފޯރުކޮށްދޭން އެދުމުން ޔަހޫދީންވަނީ އެ ކަމަށް ދެކޮޅުހަދައިފައެވެ.