ޚަބަރު

އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ޤައުމަކާމެދު ސުވާލު އުފެދިއްޖެ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުކަމަށްވާ އޮމިކްރޯން ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނު ޤައުމަކާމެދު ސުވާލު އުފެދިއްޖެއެވެ.

ކޯވިޑް-19ގެ އައު ވައްތަރުގެ މަޢުލޫމާތު އެންމެ ފުރަތަމަ ޢާއްމުކޮށްފައިވަނީ ދެކުނު އެފްރިކާގެ ތަޖުރިބާކާރުންނެވެ. އެއާއެކު ކޯވިޑް-19ގެ އެ ވައްތަރަށް އޮމިކްރޯނުގެ ނަން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ ދީފައެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކަކުންވަނީ ދެކުނު އެފްރިކާއަށް ދަތުރުކުރުން ހުއްޓާލައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ މީހަކަށް އެ ޤައުމުތަކަށް އެތެރެނުވެވޭނެކަމަށް ކަނޑައަޅައިފައެވެ.

ރައީސް ސިރިލް ރަމަޕޯސާވަނީ ދެކުނު އެފްރިކާއަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާ ޤައުމުތަކުން އެ ނިންމުންތައް ބަދަލުކުރުމަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ދެކުނު އެފްރިކާއަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވަނީ ސައިންސުގެ އެއްވެސް ދަލީލަކަށް ރިޢާޔަތް ނުކޮށްކަމަށެވެ.

އޮމިކްރޯން އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންކަމަށް ނިންމައިގެން ފިޔަވަޅުތައް އަޅަމުންދަނިކޮށް ވިލާތުގައި އޮންނަ ނެދަލެންޑްސުން ބުނެފައިވަނީ އެ ޤައުމަށް ދެކުނު އެފްރިކާއިން ދަތުރުކުރި ބަޔަކަށް އޮމްރިކޯން ޖެހިފައިވާކަން އެނގުމުގެ ކުރިން އެ ޤައުމުގައި ބަލިޖެހިފައިވާ ބަޔަކު ތިބިކަން ކަށަވަރުވެފައިވާކަމަށެވެ. އެ ގޮތުން ނެދަލެންޑްސުގެ ނޭޝަނަލް އިންސްޓިޓިޔުޓު ފޮރ ޕަބަލިކް ހެލްތުން ބުނެފައިވަނީ އޮމްރިކޯން ޖެހިފައިވާ ބަޔަކު ދެކުނު އެފްރިކާއިން ދަތުރުކޮށްފައިވަނީ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުކަމަށެވެ. އެ ގޮތުން ދެ މަތިންދާބޯޓަކުން 14 މީހުން ނެދަލެންޑްސަށް ދަތުރުކުރިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ކުރިން ބެލެވުނު ގޮތަށް ނެދަލެންޑްސަށް އޮމްރިކޯން އެތެރެވެފައިވަނީ ދެކުނު އެފްރިކާއިން ދަތުރުކުރި ބައެއްގެ ސަބަބުންކަމަށް ބެލެވުނު ނަމަވެސް ފަހުގެ ހޯދުންތަކުން އޭގެ ކުރިން ނެދަލެންޑްސުގައި އޮމްރިކޯން ޖެހިފައިވާ މީހުން ތިބިކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ގޮތުން ނޮވެންބަރު މަހުގެ 19 އަދި 23ވަނަ ދުވަހު ނެދަލެންޑްސްގައި ބައްޔަށް ތަޙްލީލުކުރި ބައެއްގެ ތެރެއިން ދެ މީހުންނަށް އޮމްރިކޯން ޖެހިފައިވާކަން ކަށަވަރުވެފައިވާކަމަށާއި އެ މީހުންނަކީ ދެކުނު އެފްރިކާއަށް ދަތުރުކުރި ބައެއްކަން ނޭނގޭކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ނެދަލެންޑްސުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަށް އިތުރުވެފައެވެ.