ކޯވިޑް-19ން ރައްކާތެރިވުމަށް އިޢުލާނުކުރި ފުރަބަންދުގެ ތެރޭގައި ޕާޓީތަކާއި ޙަފުލާތައް ބޭއްވި މައްސަލަ ހޫނުވެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ތާޢީދު ދަށަށް ގޮސްފިއެވެ.
ފުރަބަންދުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ތަފާތު ޕާޓީތަކާއި ޙަފުލާތައް ބޭއްވިކަން އެނގުމުން ޢާއްމުންގެ ރުޅިވެރިކަންވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ޚާއްޞަކޮށް އެ ޕާޓީތަކާއި ޙަފުލާތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަން ސިއްރުކުރުމަށް މަސައްކަތްކޮށްފައިވުމުން އިނގިރޭސިވިލާތުގެ ޢާއްމުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ސަރުކާރަށް އޮތް ރުޅިވެރިކަން އިތުރުވެފައިވަނިކޮށް އެ ޤައުމުގެ މަޝްހޫރު ނޫހެއްކަމަށްވާ ޓައިމްސުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ދައްކައި ގޮތުގައި ވެރިކަންކުރާ ކޮންސަވޭޓިވު ޕާޓީއަށް އޮތް ތާޢީދުވަނީ %3 ދަށަށް ގޮސްފައެވެ. އަދި އިދިކޮޅު ލޭބަރ ޕާޓީއަށް އޮތް ތާޢީދުވަނީ %4 މައްޗަށް ގޮސްފައެވެ. އެއާއެކު ކޮންސަވޭޓިވު ޕާޓީއަށް ތާޢީދުކުރާ މީހުންގެ ނިޞްބަތްވަނީ %33އަށް ވެއްޓިފައެވެ. އަދި ލޭބަރ ޕާޓީއަށް ތާޢީދުކުރާ މީހުންގެ ނިޞްބަތްވަނީ %37އަށް އިތުރުވެފައެވެ.
2020ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި އިޢުލާނުކުރި ފުރަބަންދުގެ ތެރޭގައި ޕާޓީތަކާއި ޙަފުލާތައް ބޭއްވި މައްސަލާގައި ޖޮންސަންވަނީ ޢާއްމުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލާގައި ޖޮންސަން އިތުރުފުޅުހެއްދެވިކަމަށް ޢާއްމުންގެ %68 މީހުން ޤަބޫލުކުރެއެވެ.
ޢާއްމުންގެ ހިތްހަމަނުޖެހުން ބޮޑުވެފައިވަނިކޮށް ޖޮންސަންވަނީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެ ޤައުމުގައި އަނެއްކާވެސް ތަންފީޒުކުރައްވައިފައެވެ.
2019ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ޖޮންސަންގެ މޭސްތިރިކަމުގެ ދަށުން ކޮންސަވޭޓިވު ޕާޓީންވަނީ ޤާނޫނުހަދާ މަޖިލީހުގެ 650 ގޮނޑީގެ ތެރެއިން 365 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ 1987ވަނަ އަހަރުގެ ފަހުން އެ ޕާޓީއަށް އިންތިޚާބެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.