ބަންގުލަދޭޝުގެ ފަސިންޖަރުން އުފުލާ ފެރީއެއްގައި އަލިފާން ރޯވެ 40އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ މީހުންނާއެކު އެ ފެރީ ދަތުރުކުރަމުން ދިޔައީ ބަންގުލަދޭޝުގެ ވެރިރަށް ޑާކާއިން ބަރުގުނާއަށެވެ. އެ ފެރީގެ އިންޖީނު ކޮޓަރީގައި އަލިފާން ރޯވެފައިވަނީ ސުގަންދަ ކޯރުން ދަތުރުކުރަނިކޮށެވެ. އޭރު އެ ފެރީ އޮތީ ޖަލަކަތި ޑިސްޓުރިކްޓުގައެވެ.
ބެލެވޭ ގޮތުގައި ފެރީގައި އަލިފާން ރޯވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވާނެއެވެ. އެ ޙާދިޘާގައި ޒަޚަމުތަކެއް ލިބުނު 50އަށްވުރެ ގިނަ މީހުންވަނީ އިތުރު ފަރުވާއަށް ހަސްފަތާލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޙާލު ވަރަށް ގޯސްކަމަށްވެއެވެ. އަދި އެ ޙާދިޘާގައި ބައެއް މީހުންވަނީ ގެއްލިފައެވެ.