އީރާނުގެ އިސް އަސްކަރީވެރިއެއްކަމަށްވާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލުމަށް ޢަމުރުކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕަށް ދަޢުވާނުކުރާނަމަ އީރާނުން ވަރުގަދަ ބަދަލެއް ހިފާނެކަމަށް އެ ޤައުމުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ.
2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3ވަނަ ދުވަހު ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި އަވަށްތެރި ޢިރާޤަށް އޭނާ ވަޑައިގަތުމުން އެމެރިކާއިން ދިން ޑުރޯން ޙަމަލާއެއްގައެވެ. ސުލައިމާނީއަކީ އީރާނުގެ އިންޤިލާބީ ފައުޖުގެ ޤުދުސް ފޯސްގެ އެންމެ އިސްވެރިޔާއެވެ. ޤުދުސް ފޯސަކީ ޤައުމުން ބޭރުގައި އީރާނުގެ އަސްކަރީ ޙަރަކާތްތައް ހިންގައި ގޮތްޕެވެ. އެ ގޮތުން ސުލައިމާނީއަކީ އީރާނުގެ އަސްކަރީ ޙަރަކާތްތަކުގެ އިސް ރޭވުންތެރިޔާގެ އިތުރުން ސޫރިޔާއާއި ޢިރާޤުގައި އީރާނުން ހިންގާ ޙަރަކާތްތަކާ ޙަވާލުވެ ހުންނެވި ބޭފުޅާއެވެ. އޭނާ އަވަހާރަކޮލިތާ ދެ އަހަރުފުރުމުގެ ހިތާމައިގައި ޢިރާޤާއި އެ ނޫންވެސް އެހެން ޤައުމުތަކުގައި ބޮޑެތި އެއްވުންތަކެއްވަނީ ބާއްވައިފައެވެ.
އީރާނުގެ ވެރިރަށް ތެހުރާނުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސީ ވިދާޅުވީ ޓުރަންޕާގެ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕިޔޯއާ ދެކޮޅަށް ދަޢުވާކޮށް އިންޞާފުވެރި ޝަރީޢަތެއް ނުބާއްވާނަމަ ސުލައިމާނީގެ މަރުގެ ބަދަލު ހިފަން މުސްލިމުން ނުކުންނާނެކަމަށެވެ. އަދި އެމެރިކާގެ އޭރުގެ އިސްވެރިންނާ ދެކޮޅަށް ދަޢުފާ އުފުލަން ޖެހޭނީ އިސްލާމީ ޝަރީޢަތުގެ މަޖިލީހެއްގައިކަމަށްވެސް ރައީސީވަނީ ވިދާޅުވެފައެވެ.
އީރާނުންވަނީ ސުލައިމާނީ އަވަހާރަކޮށްލުމުގައި އެމެރިކާގެ އިތުރުން އިސްރާއީލުން ބައިވެރިވެފައިވާކަމަށް ބުނެ އެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށްވެސް ހުށަހަޅައިފައެވެ. ސުލައިމާނީ އަވަހާރަކޮށްލުމަށްފަހު އެމެރިކާއިން ބުނެފައިވަނީ އޭނާއަކީ އަސްކަރީ ޢަމާޒެއްކަމަށާއި އޭނާ އަވަހާރަކޮށްލުމުގެ ޙައްޤު އެ ޤައުމަށް އޮތްކަމަށެވެ.