ކަޒަކިސްތާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ނުރައްކާތެރި ހަމަނުޖެހުންތައް ހިންގައި މީހުންނާ ދެކޮޅަށް ބަޑިޖަހައި މެރުމަށް އެ ޤައުމުގެ ރައީސް ކަސީމު ޔޮމަތު ޓޮކަޔެވު ޢަމުރުކުރައްވައިފިއެވެ.
ޖަނަވަރީ މަހުގެ 2ވަނަ ދުވަހު ކަޒަކިސްތާނުގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފެށީ އާދަޔާ ޚިލާތަށް ތެލުގެ އަގުބޮޑުވުމުންނެވެ. އެއާއެކު އެ ޤައުމުގައި ފަސާދައާއި ޚިޔާނާތުގެ ޢަމަލުތައް ގިނަވެފައިވާކަމަށް ބުނެ އެ މުޒާހަރާތައް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކަކަށްވަނީ ބަދަލުވެފައެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ސަރުކާރުގެ އިމާރާތްތަކާއި އެ ޤައުމުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުވަނީ ޢާއްމުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއީ މީގެ 30 އަހަރުކުރިން ރޫސީވިލާތުން މިނިވަންކަން ލިބުނުފަހުން ކަޒަކިސްތާނުގައި ހިންގާފައިވާ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
ކަޒަކިސްތާނުގެ ޙާލަތު އިންތިހާއަށް ގޯސްވުމުން ޓޮކަޔެވުވަނީ ރަޝިޔާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ކަޒަކިސްތާނުގައި އުފެދިފައިވާ ނުރައްކާތެރި ޙާލަތާ ގުޅޭގޮތުން ޓޮކަޔެވާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ފޯނު މެދުވެރިކޮށް އެތައް ފަހަރަކު މަޝްވަރާކުރައްވައިފައެވެ. އެއާއެކު 70 ފުލައިޓެއްގައި ގިނަ ޢަދަދެއްގެ ރަޝިޔާގެ ސިފައިންވަނީ ކަޒަކިސްތާނަށް ގޮސް އެ ޤައުމުގައި އަމަން ބަލަހައްޓަން ފަށައިފައެވެ.
ކަޒަކިސްތާނުގައި ނުރައްކާތެރި ހަމަނުޖެހުންތަކެއް އުފައްދާފައިވަނީ ބޭރުގެ ބަޔަކު އަޑީގައި ތިބެގެންކަމަށް ޓޮކަޔެވުވަނީ ތުޙްމަތުކުރައްވައިފައެވެ. ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ޢުމުރުފުޅުން 68 އަހަރުފުޅުގެ ޓޮކަޔެވު ވިދާޅުވެފައިވަނީ އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ހަތިޔާރާއެކު ބަޔަކު ޙަރަކާތްތެރިވަމުންދާކަމަށާއި އެ މީހުންނާ ކުރިމަތިލައި އެއްވެސް އިންޒާރެއް ދިނުމެއް ނެތި ބަޑިޖަހައި މެރުމަށް އޭނާ ޢަމުރުކުރައްވާފައިވާކަމަށެވެ. އަދި ހަތިޔާރާއެކު ބަޔަކު ނުކުމެ މަސައްކަތްކުރަނީ ބޮޑެތި ޖަރީމާތަކެއް ހިންގުމަށްކަމަށާއި އެ މީހުން އަމާންނުދޭނަމަ ގުޅިފައިވާ އަސްކަރީ ބާރުތަކުން އެ މީހުންނާ ކުރިމަތިލާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.