ޚަބަރު

އުތުރު ކޮރެޔާއިން އިތުރު މިސައިލުތަކެއް ތަޖުރިބާކުރުމުން އެމެރިކާ ރަތަށް


އުތުރު ކޮރެޔާއިން އިތުރު މިސައިލުތަކެއް ތަޖުރިބާކުރުމުން އެމެރިކާއިން އެކަން ކުށްވެރިކޮށްފިއެވެ.

އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކޮށްފައިވަނީ ކުރު ރާސްތާގެ 2 ބެލިސްޓިކް މިސައިލެވެ. އެއީ މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން މިސައިލުތަކެއް ތަޖުރިބާކުރި 6ވަނަ ފަހަރެވެ. މި އަހަރުގެ ތެރޭގައި އެ ޤައުމުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕާސޯނިކް 2 މިސައިލާއި ކުރު އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރެއިން ބައެއް މިސައިލުތައް ފޮނުވާލުމަށް އެ ޤައުމުގެ ވައިގެ ބަނދަރަކާއި ރޭލެއް ބޭނުންކޮށްފައިވެއެވެ.

އުތުރު ކޮރެޔާއިން ބުނެފައިވަނީ އެމެރިކާގެ ނުރައްކަލުން ރައްކާތެރިވުމަށް އެ ޤައުމުގެ ދިފާޢީ ޤާބިލުކަން ވަރުގަދަކުރުމުގެ މަސައްކަތްކުރާނެކަމަށާއި އޭގެ ތެރޭގައި ވަޤުތީ ގޮތުން ހުއްޓާލާފައިވާ ކަންކަންވެސް ހިމެނޭކަމަށެވެ. ބެލެވޭ ގޮތުގައި އުތުރު ކޮރެޔާގެ ނިޔުކްލިޔަރ މިސައިލާއި ދިގު ރާސްތާގެ މިސައިލް ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފެށުމަށް އެ ޤައުމުން އޮތީ ތައްޔާރަށެވެ. 2017ވަނަ އަހަރުގެ ފަހުން ނިޔުކްލިޔަރ މިސައިލެއް އަދި ދިގު ރާސްތާގެ މިސައިލެއް އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފައެއް ނުވެއެވެ.

އުތުރު ކޮރެޔާއިން ބުނެފައިވާ ގޮތުގައި ވާދަވެރި ދެކުނު ކޮރެޔާއަށް އެމެރިކާއިންވަނީ އެންމެ ޒަމާނީ ހަތިޔާރު އެތެރެކޮށް އަސްކަރީ ތަމުރީންތައް ބާއްވައިފައެވެ. އަދި އެއީ އުތުރު ކޮރެޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ ޤައުމުންވަނީ ފާހަގަކޮށްފައެވެ.

އުތުރު ކޮރެޔާގެ ޢަމަލުތައް ކުށްވެރިކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ނުރައްކާތެރި ޢަމަލުތަކެއް ހިންގައި ސަރަޙައްދީ ޤައުމުތައް ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައިވާކަމަށެވެ. އަދި އެމެރިކާއިން ބޭނުންވަނީ މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރުމަށްކަމަށާއި މަޝްވަރާގެ މޭޒަށް އުތުރު ކޮރެޔާ އަލުން އައުމަށް ގޮވާލާކަމަށްވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.