ޚަބަރު

އުތުރު ކޮރެޔާއާ މަޝްވަރާކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް: ރަޝިޔާ


ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެޔާއިން ގިނަ ޢަދަދެއްގެ މިސައިލުތަކެއް ތަޖުރިބާކުރި ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމާއެކު މަޝްވަރާކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އުތުރު ކޮރެޔާއިން ތަޖުރިބާކުރަމުންދާ މިސައިލުތަކުގެ މަޢުލޫމާތު ދެނެގަންނަމުންދާކަމަށެވެ. އަދި އުތުރު ކޮރެޔާގެ ނިޔުކްލިޔަރ މިސައިލާއި ބެލިސްޓިކް މިސައިލް ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓާލުމަށް އެ ޤައުމާއެކު ދެކުނު ކޮރެޔާއާއި އެމެރިކާއާއި ޖަޕާނާއި ރަޝިޔާއާއި ޗައިނާއިން މަޝްވަރާކުރުމުގެ ފުރުޞަތު އަދިެސް އެބައޮތްކަމަށް ޤަބޫލުކުރާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ފާއިތުވި 4 ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ 6 ފަހަރެއްގެ މަތިން ގިނަ ޢަދަދެއްގެ މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އެ ގޮތުން އެ ޤައުމުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕާސޯނިކް 2 މިސައިލާއި ކުރު އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރެއިން ބައެއް މިސައިލުތައް ފޮނުވާލުމަށް އެ ޤައުމުގެ ވައިގެ ބަނދަރަކާއި ރޭލެއް ބޭނުންކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުންވަނީ ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އުތުރު ކޮރެޔާގެ 6 ރައްޔިތަކަށާއި ރަޝިޔާގެ ރައްޔިތަކަށާއި ރަޝިޔާގެ ކުންފުންޏަކާ ދެކޮޅަށްކަމަށެވެ. ނަމަވެސް އެމެރިކާ އިސްވެ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާއިންނާއި ޗައިނާއިންވަނީ ހުރަސްއަޅައިފައެވެ.