ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯއަށް ކޯވިޑް-19 ޖެހިއްޖެއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޓުރޫޑޯ ވިދާޅުވީ އޭނާގެ ޙާލުކޮޅު ރަނގަޅުކަމަށާއި އެކަހެރިވެވަޑައިގެން ހުންނަވައި އޭނާގެ މަޤާމުގެ ޒިންމާތައް ޢަދާކުރައްވަމުންދާނެކަމަށެވެ. ޓުރޫޑޯއަށް ކޯވިޑް-19 ޖެހުމުން އަންނަ ހަފުތާގައި ކެނެޑާގެ ޤާނޫނުހަދާ މަޖިލިސް ހުޅުވުމަށް ބާއްވައި ޖަލްސާގައި އޭނާއަށް ޙާޒިރުވެވަޑައެއްނުގެންނެވޭނެއެވެ. ނަމަވެސް ވީޑިޔޯ މެދުވެރިކޮށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އޭނާވަނީ ނިންމަވައިފައެވެ.
ޢުމުރުފުޅުން 50 އަހަރުގެ ޓުރޫޑޯވަނީ އޭނާގެ ދަރިފުޅަކަށް ކޯވިޑް-19 ޖެހުމުން މިދިޔަ ހަފުތާގެ ތެރޭގައިވެސް އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް އެ ފަހަރު އޭނާއަށް ބަލިނުޖެހޭކަން ތަޙްލީލުތަކުން ދެއްކިއެވެ. އޭގެ އިތުރުން 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އޭނާގެ އަނބިކަނބަލުންނަށް ކޯވިޑް-19 ޖެހުމުންވެސް ޓުރޫޑޯވަނީ ދެ ހަފުތާއަށް އެކަހެރިވެވަޑައިގެންފައެވެ.
ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެންމެ އިސްވެރިންނަށް މީގެ ކުރިންވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށްވަނީ 2020ވަނަ އަހަރުގެ ތެރޭގައި ބަލިޖެހިފައެވެ.