ޚަބަރު

މިޔަންމާގެ ބަޣާވާތަށް އަހަރެއް: 1،500 މީހުން މަރުވެ 8،800 މީހުން ޖަލުގައި


މީގެ އަހަރެއް ކުރިން މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތުގެ ސަބަބުން އެ ޤައުމުގެ ޢާއްމުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އދން ބުނެފިއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއިން ބުނެފައިވަނީ ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ބަޣާވާތާ ދެކޮޅަށް މިޔަންމާގައި ކުރި މުޒާހަރާތަކުގައި 1،500 މީހުން މަރުވެފައިވާކަމަށާއި އެ ޤައުމުގެ އަސްކަރިއްޔާއާއި ހަތިޔާރުއެޅި ޖަމާޢަތްތަކާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގައި އިތުރު ބަޔަކު މަރުވެފައިވާކަމަށް ޤަބޫލުކުރެވޭކަމަށެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި މުޒާހަރާކޮށްގެންނާއި މީސްމީޑިޔާގެ ވަޞީލަތްތައް ބޭނުންކޮށްގެން ބަޣާވާތާ ދެކޮޅަށް އަޑުއުފުލަމުންދާކަމަށާއި މަރުވިކަން ޔަޤީންވެފައިވާ 1،500 މީހުންގެ ތެރެއިން މަދުވެގެން 200 މީހުންނަށް އަސްކަރިއްޔާއިން ލާއިންސާނީ އަނިޔާތަކެއް ދީފައިވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިންވަނީ 11,787 މީހުން ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން 8,792 މީހުން އަދިވެސް ތިބީ ބަންދުގައިކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މީގެ ކުރިންވެސްވަނީ އެ ޤައުމުގައި އަނިޔާވެރި ދިގު ވެރިކަމެއް ކޮށްފައެވެ. ނަމަވެސް 50 އަހަރަށްފަހު އަސްކަރިއްޔާއިން ބާރުތައް ދޫކޮށްލައި 2015ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އަން ސަން ސޫ ކީއެވެ. އަދި އެއާއެކު މިޔަންމާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެ ޤައުމަށް ބޭރުގެ މާލީ އެހީތެރިކަން ލިބެން ފަސޭހަވިއެވެ. ނަމަވެސް އޭގެ ފަހުން 2021ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ސޫ ކީ ކާމިޔާބުކުރެއްވުމުން މިޔަންމާގެ އަސްކަރިއްޔާއިންވަނީ އަނެއްކާވެސް ބަޣާވާތްކޮށް ސިފައިންގެ ބާރުގެ ދަށަށް އެ ޤައުމު ގެންގޮސްފައެވެ.