ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެ ޤައުމުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމުން އެ ޤައުމު ފުރަބަންދުކޮށްފިއެވެ.
ޓޮންގާއަށް އެރި ސުނާމީގައި އެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުގެ ގިނަ ޢަދަދެއްގެ މަނަވަރުތަކާއި މަތިންދާބޯޓުތައްވަނީ އެ ޤައުމަށް ފޮނުވައިފައެވެ. އެ ގޮތުން އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑާއި ޗައިނާއާއި ޖަޕާނާއި ފަރަންސޭސިވިލާތުގެ މަނަވަރުތައްވަނީ އެހީގެ ސާމާނާއެކު ޓޮންގާއަށް ފޮނުވައިފައެވެ. އެއާއެކު އެ އުޅަނދުތަކުން ދަތުރުކުރާ މީހުންގެ ފަރާތުން ކޯވިޑް-19 ޖެހިދާނެކަމުގެ ބިރުވެރިކަން އޮތީ ބޮޑުވެފައެވެ. ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ޓޮންގާގައި ބަލިޖެހިފައިވަނީ އެންމެ މީހަކަށްށެވެ. ޓޮންގާގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރުވެރިކަން ބޮޑުވީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަށްޓެރި އޮސްޓުރޭލިޔާއިން ފޮނުވި މަނަވަރެއްގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުންނެވެ.
ޓޮންގާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ޤައުމުން ބަލިޖެހިފައިވާ ދެ މީހުން ފެނިފައިވާކަމަށާއި އެ މީހުންނަކީ ބަނދަރުގައި މަސައްކަތްކުރާ ބައެއްކަމަށެވެ. ނަމަވެސް އެ މީހުން މަސައްކަތްކޮށްފައިވަނީ ބަލިފެތުރިފައިވާ އޮސްޓުރޭލިޔާގެ މަނަވަރު އޮތް ބަނދަރުގައި ނޫންކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަދުވެގެން ފަސް މީހުންނަށް ޓޮންގާގައިވަނީ ބަލިޖެހިފައެވެ.
105،000 މީހުންގެ އާބާދީއެއް އޮންނަ ޓޮންގާގެ %83 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ. އެ ޤައުމުން މިހާރު މަސައްކަތް ކުރަނީ އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑުގެ އެހީތެރިކަމާއެކު ވެކްސިންގެ ތިންވަނަ ޑޯސް ދިނުމަށް ތައްޔާރުވުމަށްށެވެ.