ޚަބަރު

ދުވަސްތަކަކަށްފަހު އުތުރު ކޮރެޔާގެ ޒަޢީމުގެ ޢާއިލާ ޢާއްމުންގެ ކުރިމައްޗަށް


ދުވަސްތަކަކަށްފަހު އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންގެ ޢާއިލާ ޢާއްމުންގެ ކުރިމައްޗަށް ނުކުމެއްޖެއެވެ.

2020ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުމުން ކިމު ޖޮން އުންގެ ޢާއިލާ ޢާއްމުންގެ ކުރިމައްޗަށް ނުކުމެފައިވަނީ ވަރަށް މަދުންނެވެ. އެ ގޮތުން އޭނާގެ އަނބިކަނބަލުން ރީ ސޮލް ޖޫ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ސެޕުޓެންބަރު މަހުގެ 9ވަނަ ދުވަހުއެވެ. އެ ދުވަހު ރީ ސޮލް ޖޫވަނީ އުތުރު ކޮރެޔާގެ ބާނީ އަދި ކިމުގެ ކާފާފުޅުގެ މަގުބަރާއަށް ޒިޔާރާތްކުރައްވައިފައެވެ.

އުތުރު ކޮރެޔާގެ ރަސްމީ ޓީވީކަމަށްވާ ކޭސީއެންއޭއިން ބުނެފައިވަނީ ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފުލާގައި ކިމުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތްކަމަށެވެ. އަދި އެ ދެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަމަށާއި އައު އަހަރު ފާހަގަކުރުމަށް ބޭއްވި އެކި ޙަރަކާތްތައް އެ ދެ ބޭފުޅުން ބައްލަވާލެއްވިކަމަށެވެ. އެ ޙަފުލާގައި ކިމުގެ ބޮޑުދައިތަ އަދި އުތުރު ކޮރެޔާގެ ވެރިކަންކުރާ ވޯކާސް ޕާޓީ އޮފް ކޮރެޔާގައި ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ ކިމު ކިޔޮން ހުއީވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ޢާއްމު ޙަފުލާއެއްގައި އޭނާ ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ. އޭނާއަކީ ކިމުގެ ޒަޢާމަތުގެ ފުރަތަމަ އަހަރުތަކުގެ ތެރޭގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.