އިންޑިޔާ ކަނޑުގައި އޮންނަ މަޑަކަސްކަރައަށް ބާރުގަދަ ތޫފާނެއް އެރުމުން އެ ޤައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މަޑަކަސްކަރައިގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމަށް އެންމެ ފަހުން އެރި ތޫފާނުގައި ގަޑިއަކު 100 މޭލު ބާރުބިނުގައި ވައިޖެހިފައިވާކަމަށެވެ. އަދި ތޫފާނުގެ ސަބަބުން ބައެއް ސަރަޙައްދުތައް އެއްކޮށް ސުންނާފަތިވެ ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތްތައް ކެނޑިފައިވާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
އެފްރިކާއާ 400 ކިލޯމީޓަރު ދުރުގައި އޮންނަ މަޑަކަސްކަރައަށް އެރި ތޫފާނުގެ ސަބަބުން 10 މީހުން މަރުވެ 150،000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. އަދި މަދަރުސާތަކާއި ބޮޑެތި މާލަންތަކުގައި ގެދޮރުގެއްލުނު މީހުންނަށް މަޑަކަސްކަރައިގެ ސަރުކާރުންވަނީ ވަޤުތީ ހިޔާތައް ހަމަޖައްސައިދީފައެވެ.
30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މަޑަކަސްކަރައަށް ޖަނަވަރީ މަހުގެ 22ވަނަ ދުވަހުވެސްވަނީ ބާރުގަދަ ތޫފާނެއް އަރައިފައެވެ. އެ ތުފާނުގައި 55 މީހުން މަރުވެ 130،000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.
މަޑަކަސްކަރައަށް އެރި ތޫފާނުވަނީ އިރުމަތީ އެފްރިކާގައި އޮންނަ މޮޒަންބީކަށް އެރުމަށްފަހު މަލާވީއާ ދިމާލަށް މިޞްރާބު ޖަހައިފައެވެ. އެ ތޫފާނުގެ ސަބަބުން އެ ދެ ޤައުމުން 40 މީހުންވަނީ މަރުވެފައެވެ.