ޚަބަރު

ނުވަ އަހަރުފަހުން ފަރަންސޭސިވިލާތުގެ ފައުޖުތައް މާލީން ފައިބަނީ


ނުވަ އަހަރުފަހުން ހުޅަނގު އެފްރިކާގައި އޮންނަ މާލީން ފަރަންސޭސިވިލާތުގެ ފައުޖުތައް ފައިބަން ނިންމައިފިއެވެ.

2013ވަނަ އަހަރުގެ ތެރޭގައި ހަނގުރާމަވެރި ޖަމާޢަތަކުން މާލީގެ ވެރިރަށް ބަމަކޯ ހިފަން ކުރި މަސައްކަތް ހުއްޓުވުމަށް ފަރަންސޭސިވިލާތުންވަނީ އެތައް ހާސް ސިފައިންނެއް އެ ޤައުމަށް ފޮނުވައިފައެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅަނގު އެފްރިކާގެ ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ފަރަންސޭސިވިލާތުންވަނީ ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ހިންގައިފައެވެ. ނަމަވެސް ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާއި އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުރައްކަލުން އެ ސަރަޙައްދު ފަރަންސޭސިވިލާތަށް އެންމެ އެކަށީގެންވާ ގޮތަކަށް ދިފާޢުކުރެވިފައެއް ނުވެއެވެ.

2020ވަނަ އަހަރުގެ ތެރޭގައި މާލީގައި އަސްކަރީ ބަޣާވާތެއް ކުރުމުން ފަރަންސޭސިވިލާތުން ކުރަމުންދިޔަ މަސައްކަތްތަކަށްވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މާލީގައި އިންތިޚާބެއް ބާއްވައި މަދަނީ ވެރިކަމެއް ޤާއިމުކުރުމަށް މާލީގެ އަސްކަރީވެރިން ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުން ފަރަންސޭސިވިލާތުންވަނީ އިތުރަށް އެ ޤައުމުގައި މަރުކަޒުވެ ތިބުމަށް ފަސްޖެހިފައެވެ.

ފަރަންސޭސިވިލާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި ވިލާތުގެ ޤައުމުތަކާއި ކެނެޑާއިން މާލީގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަރަންސޭސިވިލާތުގެ ފައުޖުތައް މާލީން ފައިބަން ނިންމުމުން ހުޅަނގު އެފްރިކާގައި ޙަރަކާތްތެރިވާ އދއާއި ވިލާތުގެ ޞުލްޙަ ބަލަހައްޓައި ފައުޖުތަކަށްވެސް އެ ކަމުގެ އަސަރުކުރާނެކަމަށް ބެލެވެއެވެ. އެ ފައުޖުތަކަށް ބޭނުންވާ އެކި މަޢުލޫމާތުތަކާއި ބޭސްފަރުވައިގެ އެހީތެރިކަން ފޯރުކޮށްދެނީ ފަރަންސޭސިވިލާތުންނެވެ.