އއ. އުކުޅަހުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރުއެޅުމަށް ނިންމާ، އެ މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަޝްރޫޢު އެވޯޑްކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ.
އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އއ.އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި pic.twitter.com/3BQXg1EYhF
— Min.of National Planning, Housing & Infrastructure (@MoNPHImv) October 19, 2022
މި މަޝްރޫޢުގެ ދަށުން އުކުޅަހުގެ ޖުމްލަ 2.68 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނެއެވެ. ހަމައެހެންމެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 14 މަސް ދުވަހުން (450 ދުވަސް) ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 59.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.