ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތާއި އެމެރިކާއިން ވިޔަފާރީގެ ގުޅުން ވަރުގަދަކުރަނީ


ވިޔަފާރީގެ އިންވެސްޓްމަންޓު ކުރިއެރުވުމަށް އަމާޒުކޮށްގެން އިނގިރޭސިވިލާތުން އެމެރިކާގެ ސައުތު ކެރޮލައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ އިނގިރޭސިވިލާތާއި އެމެރިކާގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން އެ ސްޓޭޓަކާއިއެކު ވެފައިވާ މިފަދަ ތިންވަނަ އެއްބަސްވުމެވެ. އަދި ކެލިފޯނިއާއާއި ޔޫޓާއާއެކުވެސް މިފަދަ އެއްބަސްވުންތަކެއް ވާން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ޖޫނިއަރ ޓްރޭޑް މިނިސްޓަރު ގްރެގް ހޭންޑްސް ވިދާޅުވިއެވެ.

އެމެރިކާއާއެކު ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަކީ ދެ ގައުމަށް ވެސް ރަނގަޅު ކަމެއް ކަމަށް އިނގިރޭސިވިލާތަށް ޔަގީންކަން އެބައޮތް ކަމަށް ރޮއިޓާސް ނޫހަށް ހޭންޑްސް ވިދާޅުވިއެވެ.

ޔޫރަޕް އިއްތިހާދުން އިނގިރޭސިވިލާތް ވަކިވި ފަހުން އެ ގައުމުން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑާއެކު ވިޔަފާރީގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. ހޭންޑްސް ވިދާޅުވީ، ޓްރާންސް ޕެސިފިކް ޕާޓްނަޝިޕްގެ ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެގްރީމަންޓްގައި ބައިވެރިވުމުގެ އުންމީދު ބޮޑު ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ބައިލޭޓަރަލް ޓްރޭޑް ޕާޓްނަރު އެމެރިކާއާ އެކު ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެތް،" މަސައްކަތްތެރިންގެ ހައްގުތަކާއި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުގެ މިންގަނޑުތައް އެއްގޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ދެ ގައުމުގެ ވިޔަފާރީގެ މައްސަލަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި މަތިންދާބޯޓު ސަބްސިޑީއާ ގުޅޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އުފެދުނު މައްސަލަ ހައްލުކުރުމާއި ދަގަނޑާއި އެލްމިނިއަމުން އެމެރިކާއިން ނަގާ ޓެރިފް މެދުކަނޑާލުން ހިމެނޭކަމަށް ހޭންޑްސް ވިދާޅުވިއެވެ.

ޓެކްސަސްއާއި ނޯތު ކެރޮލައިނާ، އިންޑިއާނާ އަދި މިހާރު ސައުތު ކެރޮލައިނާ ހިމެނޭ ގޮތަށް އެމެރިކާގެ ގިނަ އަދަދެއްގެ ސްޓޭޓްތަކުން ވިޔަފާރިއާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޝައުގުވެރިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޭންޑްސް ވިދާޅުވީ މި ހަފްތާގައި ކެލިފޯނިއާގެ ލެފްޓަނެންޓް ގަވަރުނަރު އެލެނީ ކައުނާލާކިސްއާ ބައްދަލުކުރެއްވިކަމަށާއި، އެ ބައްދަލުވުމުގައި އަންނަ އަހަރު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަމަށެވެ. ކެލިފޯނިއާ އަކީ އެމެރިކާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްކަމަށާއި، އެއީ ގައުމެއް ނަމަ ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު އިގްތިޞާދުގެ ގޮތުގައި ރޭންކް ކުރާނެ ސްޓޭޓެއް ކަމަށް ހޭންޑްސް ވިދާޅުވިއެވެ. މީގެއިތުރުން ހުކުރު ދުވަހު ޔޫޓާ ސްޓޭޓްގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާފައިވާކަމަށާއި، ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޭންޑްސް ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓްތަކުން އިނގިރޭސިވިލާތުގެ އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް ބޭނުންވާއިރު، އެކްސްޕޯޓްގެ ފުރުސަތުތައް ފުޅާކުރުމަކީ އިނގިރޭސިވިލާތުގެ ކުންފުނިތަކުން މުހިންމު އިސްކަމެއްދޭ ކަމެއްކަމަށް ވިދާޅުވެ ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އުއްމީދީ އެހެން ދާއިރާތަކެއްގެ ގޮތުގައި އެއާސްޕޭސް އާއި ޓެކްނޮލޮޖީ ހޭންޑްސް ފާހަގަކުރެއްވިއެވެ.