ޚަބަރު

މާލޭގެ މަގުތަކުން ކުނި ނަގާނީ އެމަސައްކަތް އަލުން ހަވާލުކުރުމުން: ވެމްކޯ


މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަކީ މިހާރު ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އެމަސައްކަތާ ދެން ހަވާލުވާނީ ސިޓީ ކައުންސިލުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުން ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޫސުފް ސިރާޖް ވިދާޅުވީ، އެ ކޯޕަރޭޝަނާއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލުން މިމަސައްކަތާ ހަވާލުވެ ރަސްމީކޮށް މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ފެށިތާ އެންމެ 48 ގަޑިއިރު ވީއިރު އެތައް ޝަކުވާއެއް ކޮށްފައިވާކަމަށެވެ. ވެމްކޯގެ އެމްޑީ ވިދާޅުވީ މާލެތެރެ ސާފްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވޭނަމަ މިޚިދުމަތް އަލުން ދިނުމަށް ވެމްކޯއިން ތިބީ ތައްޔާރަށް ކަމަށެވެ. ވެމްކޯގެ އެމްޑީ ވިދާޅުވީ މިމަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވީއިރު ހީވެފައި އޮތީ އެއީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށެވެ.

"މީގެ ކުރިން މިޚިދުމަތް ވެމްކޯއިން ދެމުން ގެންދިޔައީ މާލެ އަދި ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް. އެހެން މި ދެންނެވީ މާލޭގެ މަގުމައްޗަށް އަޅާ ހުރިހާ ކުންޏެއް ވެމްކޯއިން ސާފްކުރަމުން ދިޔަކަން މިއަދު ސިޓީ ކައުންސިލަށް ވެސް އަދި ޚާއްސަކޮށް މޭޔަރަށް ވެސް ދޭހަވެގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ސިރާޖް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މާލޭގެ މަގުތަކަށް ގޭބިސީތަކުން ޖަމާކުރާ ކުންޏަކީ ވެމްކޯއިން ނަގަން ޖެހޭނެ ކުންޏެއް ކަމަށާއި އެކަން ނުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭގެ މަގުތައް ސާފުކުރުން ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިންވެސް ވަނީ މާލޭގެ މަގުތަކަށް ކުނި ގިނަވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނީ ގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތުން މާލެތެރެ ސާފުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށްގެންދިޔުމަށް އީޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.