ޚަބަރު

މިނިސްޓަރ ޝައުނާގެ އެދިވަޑައިގަތުމަށް މާލެ ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ


މާލެގެ މަގުތަކުން ކުނި ނުނަގާ އޮތުމުގެ ސަބަބުން އެކި ފަރާތްތަކުގެ ކަންބޮޑުވުމާއެކު މާލެ ތެރެ ސާފުކުރުމުގެ އޮޕަރޭޝަނެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ފަށައިފިއެވެ.

އެކުންފުނިން މި މަސައްކަތް ފަށާފައިމިވަނީ މާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމާމެދު މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާ ދެމެދު ދެބަސްވެފައިވެފައިވަނިކޮށް މާލެ ތެރެ ހަޑިކޮށް އޮތުމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މަގުތަކުން ކުނި ނުނަގާ ހުރުމަކީ މާލެ ރައްޔިތުންގެ އާންމު ސިއްހަތައްވެސް ގެއްލުންވާނެ ކަމެއް ކަމަށެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މިމަހުގެ 26 ދުވަހު ވަނީ ހަމަވެފައެވެ. އަދި އެއަށްފަހު މާލެ ސިޓީ ކައުންސިލުން ވަނީ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް ގޭގެއިން ނެރޭ ކުނި މަގުމަތީގައި ހުރުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ ވެމްކޯއަށް އެކުނިތައް ނެގުމަށް އަންގާފައެވެ. ނަމަވެސް ވެމްކޯއިން ވިދާޅުވެފައިވަނީ އެހެން ހުރި ކުނިތަކަކީ މިހާރު ވެމްކޯއިން ނަގަންޖެހޭނެ ކުނި ނޫންކަމަށާއި މާލެ ތެރެ ސާފުކޮށް ބޭއްވުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަލުން ވެމްކޯއަށް ހަވާލުކުރުމުން އެ މަސައްކަތް ކުރާނެކަމަށެވެ.

މިވަގުތު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ކުނީގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ކުއްޔަށް ނަގައިގެންނެވެ. އެ ކައުންސިލުގެ އަމިއްލަ އުޅަނދުފަހަރުގައި އެ މަސައްކަތް ކުރަން އަދި ފަސް ވަރަަކަށް މަސް ދުވަސް ވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.