ޚަބަރު

އައްޑޫ ސިޓީގެ މޫދުގައި ސޯލަރ ޕީވީ ހަރުކުރަން ތައްޔާރުވަނީ


އައްޑޫ ސިޓީގައި ޤާއިމްކުރާ ސޯލާ ނިޒާމަކީ މޫދު ސަރަޙައްދުގައި ޤާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލަރ ނިޒާމެވެ. މި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިފެށޭ އަހަރު ކުރިއަށްގެންދިޔުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި މަޝްރޫގެ ދަށުން އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރ ހަރުކުރުމަށް ވަނީ ނިންމާފައެވެ.

އެކްސަލަރޭޓީންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރެނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ފްލޯޓިން ސޯލަރ ހަރުކުރުމުގެ ޓައިމްލައިންއަށް ބަލާއިރު ފްލޯޓިންގ ސޯލަރ ޤާއިމްކުރުމަށް ކޮންޓެރެކްޓަރަށް އެވޯޑްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. އަދި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަޓަރގައި ފްލޯޓިން ސޯލަރ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމަފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ ފަހު ކުއަޓާރގައި މި މަސައްކަތް ނިންމާ ކޮމިޝަން ކުރުމަށް ނިންމާފައިވައެވެ.

މި މަޝްރޫޢަށް ބަލާއިރު އައްޑޫ ސިޓީ ގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާރ ހަރުކުރުމަށް ނިންމާފައިވެއެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަޙައްދުގައި 8 މެގަވޮޓާއި މަރަދޫ ބަނދަރު ސަރަހައްދުގައި ހަރުކުރާ 1 މެގަވޮޓު ސޯލާ ޕީވީއާއި ހުޅުދޫ މީދޫ މެދު ބަނދަރު ސަރަޙައްދުގައި ހަރުކުރާ 1 މެގަވޮޓް ސޯލާއެވެ. އައްޑޫ ސިޓީގައި ޤާއިމްކުރާ މި ނިޒާމަކީ މޫދު ސަރަޙައްދުގައި ޤާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލަރ ނިޒާމެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި އެރައިސް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޖުމުލަ 13.31 މެގަވޮޓްގެ ސޯލާރ ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. އައީ އެއްގަމުގައި ހަރުކުރާ 2.28 މެގަވޮޓާއި މުދުގައި ހަރުކުރާ ސޯލާރއެވެ.

މި ދެ މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީން އަހަރަކު ގާތްގަނޑަކަށް 46.8 މިލިއަން ރުފިޔާ ތެލަށްކުރާ ހޭދަ ކުޑަކުރެވޭނެކަމަށް އެންވަޔރަމަންޓް މިނިސްޓްރީން އަންދާޒާކުރެއެވެ. އަދި މި ދެ މަޝްރޫޢުގެ ސަބަބުން ސޯލާރ ޕީވީ ނިޒާމް ޤާއިމްކުރާ ކޮންޓްރެކްޓަރާއި އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކޮށްފައިވާ ލައިސަންސް އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީ ނިޒާމު ހަރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ކޮންމެ އަކަމީޓަރަކަށް 8 ރުފިޔާގެ ރޭޓުން ގާތްގަނޑަކަށް އަހަރަކު 1 މިލިޔަން ރުފިޔާ 15 އަހަރުގެ މުއްދަތަށް ކައުންސިލަށް ލިބޭނެއެވެ.

މީގެއިތުރުން އައްޑޫ ސީޓިގެ އެއްގަމުގައި ސޯލަރ ޕީވީ ނިޒާމް ޤާއިމްކުރާ ސަރަޙައްދުތަކުގެ ދަށުގައިވާ ޖާގަ ކައުސިލަށް މާލީ މަންފާ ލިބޭގޮތަށް ކުއްޔަށް ދެވޭނެއެވެ.

އެރައިސް މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ސޯލަރ ޕީވީއަށް ބޭނުންވާ ބެޓަރީ އެނަރަޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމްކުރުމުން އައްޑޫސިޓީގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސަލަރޭޓީންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) އަދި އެކްސަލަރޭޓިން ރިނިއުބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ (އެރައިސް) މަޝްރޫއުއަކީ ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ގޮތުން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިގޮތުން އެސްޕަޔަރ މަޝްރޫގެ ދަށުން 17.5 މެގަވޮޓްގެ ސޯލާރ ޕީވީ ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެރައިސް މަޝްރޫޢުގެ ދަށުން 36 މެގަވޮޓްގެ ސޯލާއާއި 40 މެގަވޮޓްގެ އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.