ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްގެ ލޯނު އެހީގެ ޕްރޮގްރާމް ނިންމުމަށް ޕާކިސްތާނުން މަސައްކަތްކުރާނެ


އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ލޯނު އެހީގެ ޕްރޮގްރާމް އަވަހަށް ނިންމާލުމަށް އައިއެމްއެފްއާއިއެކު މަސައްކަތް ކުރާނެ ކަމަށް ޕާކިސްތާނުން ވައުދުވެފައިވާ ކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ހޯމަ ދުވަހު ޖެނީވާގައި ބޭއްވި މޫސުމާ ބެހޭ ކޮންފަރެންސެއްގެ ހަވާސާގައި ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު ނެރުނު ބަޔާނުގައިވާ ގޮތުން މާލީ ވަޒީރު މުހައްމަދު އިސްހާގު ދާރާއާއި އައިއެމްއެފްގެ އޮފިޝަލުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަރަހައްދީ އިގްތިސާދުތަކަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ފަންޑް ޕްރޮގްރާމް ފުރިހަމަ ކުރުމަށް މާލީ ވަޒީރު ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވި ކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މި ކޮންފަރެންސްގައި ވިދާޅުވީ މާލީ އިދާރާތަކާއެކު ޕާކިސްތާނުން ކުރާ މަޝްވަރާތަކުގައި ޕާކިސްތާނަށް އެއްބާރުލުން ދިނުމަށް ޕެރިސްއިން ތައްޔާރަށް އޮތް ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ދޫކުރަން ހަމަޖެހިފައިވާ 1.1 ބިލިއަން އެމެރިކާ ޑޮލަރު ދޫކުރުމަށް އަދި ފާސްކޮށްފައި ނުވާއިރު، ޕާކިސްތާނަށް ލިބިފައިވަނީ އެއް މަސް ދުވަހުގެ އިމްޕޯޓަށް ވާ ވަރުގެ ބޭރުގެ ފައިސާގެ ރިޒާވެކެވެ.

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 1700 މީހުން މަރުވެ، އުމްރާނީ ގޮތުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވެއެވެ.

އައިއެމްއެފްގެ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކުރުމާއި ބައިނަލްއަގްވާމީ އިތުރު އިންވެސްޓްމަންޓްތައްވެސް ހުޅުވާލާ ނުވަ ވަނަ ރިވިއު ފާސްކުރުމުގެ މަޝްވަރާތަކުގައި ޝެޑިއުލަކާއި ރިކޮންސްޓްރަކްޝަން މަސައްކަތަށް ފައިނޭންސް ކުރުމުގެ ޕްލޭނެއް އެކުލަވާލެވިފައިވެއެވެ.