ދުނިޔޭގެ ވިޔަފާރި

ޓުވިޓަރގައި އިޝްތިހާރު ކުރުމަށް ކުންފުނިތަކުން ކުރާ ޚަރަދު ދަށަށް


ޓުވިޓަރ ގައި އިޝްތިހާރު ކުރުމަށް ކުންފުނިތަކުން ކުރާ ޚަރަދު މިދިޔަ ޑިސެމްބަރު މަހު %71 އަށް ދަށްވެއްޖެ ކަމަށް އެޑްވަރޓައިޒިންގް ރިސަރޗް ކުންފުންޏެއްގެ ހިސާބުތަކުން ދައްކައިފިއެވެ.

މި ޚަރަދަ ދަށްވެފައި ވަނީ ޓުވިޓަރގެ މިހާރުގެ ވެރިޔާ އީލޮން މަސްކު ޓުވިޓަރ އާއި ޙަވާލުވުމުން އެ ޕްލެޓްފޯމުގައި އިޝްތިހާރު ކުރާ ބޮޑެތި ކުންފުނިތަކުން އެމީހުންގެ އިޝްތިހާރުތައް މަދުކުރުމުންނެވެ.

އެޑްވަރޓައިޒިންގެ ރިސަރޗް ކުންފުންޏެއް ކަމަށްވާ ސްޓޭންޑަރޑް މީޑިއާ އިންޑެކްސް، އެސް.އެމް.އައި އިން ދާދި ފަހުން ނެރުނު މި ހިސާބުތައް އާންމުވެފައި މިވަނީ ޓްވިޓަރ އިން އިޝްތިހާރު ކުރާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް އިޝްތިހާރުތައް ހިލޭ އާންމުކުރެވޭނެ ގޮތާއި، ސިޔާސީ އިޝްތިހާރު ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައި، އިޝްތިހާރުތައް ޕޮޒިޝަން ކުރުމުގައި ކުންފުނިތަކަށް ބޮޑު ކޮންޓްރޯލެއް ވަނީ ދީފައެވެ.

އެސް.އެމް.އައިގެ ހިސާބުތަކަށް ބަލާއިރު، ޗުއްޓީ ސީޒަންގައި ބްރޭންޑްތަކުން އުފެއްދުންތައް ޕްރޮމޯޓް ކުރާތީ މި މަސްތަކަކީ އާންމުކޮށް އިޝްތިހާރު ޚަރަދު ބޮޑު ދުވަސްވަރަކަށް ވިޔަސް، ނޮވެމްބަރު މަހު ޓްވިޓަރގައި އިޝްތިހާރު ކުރުމަށް ކުރާ ޚަރަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %55 ދަށްވެފައެވެ.

މިކަމާއި ގުޅިގެން ޓުވިޓަރ އިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ރިސާޗް ކުންފުންޏެއް ކަމަށްވާ ޕެތެމެޓިކްސް އިން ބުނިގޮތުގައި ގިނަ ކުންފުނިތަކުން ވަނީ ނޮވެމްބަރު މަހު ޓުވިޓަރ ގައި އިޝްތިހާރު ކުރުން ހުއްޓާލާފައެވެ.

ޓްވިޓަރ ގައި އެންމެ ގިނައިން އިޝްތިހާރު ކުރާ 30 ފަރާތުގެ ތެރެއިން 14 ފަރާތުން ވަނީ އޮކްޓޯބަރު 27 ވަނަ ދުވަހު މާސްކް އެ ޕްލެޓްފޯމްގެ އިޝްތިހާރުތަކާއި ޙަވާލުވުމަށް ފަހު އެ ޕްލެޓްފޯމްގައި ކުރާ ހުރިހާ އިޝްތިހާރެއް ހުއްޓާލާފަ ކަމަށް ޕެތެމެޓިކްސްގެ އަންދާޒާތަކުން ދައްކައެވެ.

ޓްވިޓަރގެ 4 ވަނަ ކުއާޓަރުގެ އާމްދަނީ ގާތްގަނޑަކަށް %35 އަށް ދަށްވެފައިވަނީ އިޝްތިހާރު ލިބުން މަދުވުމުންނެވެ.