ޚަބަރު

ފޮރިން މިނިސްޓްރީ އޮޑިޓް: މާލިއްޔަތު ޤާނޫނާއި ހިލާފަށް އެއްވެސްކަމެއް ނެތް


މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން 2021 ވަނަ އަހަރު ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޮޓްގައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ފޮރިން މިނިސްޓްރީން 2021 ވަނަ އަހަރު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤްސަދުތައް ޙާޞިލްވާ ގޮތަށްކަމަށެވެ. އަދި އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފޮރިން މިނިސްޓްރީގެ އެހެނިހެން މާލީ ކަންކަންވެސް މައިގަނޑުގޮތެއްގައި ހިންގައި ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަން ފާހަގަކޮށްފައިވެއެވެ.

2021 ވަނަ އަހަރުގެ ރިޕޯޓްގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނެރުނު ފޮރިން މިނިސްޓްރީގެ ހުރިހާ އޮޑިޓް ރިޕޯޓްތަކުގައިވެސް އެ މިނިސްޓްރީން ހަރަދުތައް ކުރަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި އެއްގޮތަށްކަން ފާހަގަކޮށްފައިވެއެވެ.