އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ އިންގްލަންޑުގެ ތަރި ބުކާޔޯ ސަކާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސަކާ އާސެނަލްގައި 2027 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.
ސަކާ ވަނީ މިސީޒަންގައި އާސެނަލްއަށް 14 ލަނޑު ޖަހާދީ 11 އެސިސްޓް ކޮށްފައެވެ. އުމުރުން 21 އަހަރުގެ މިކުޅުންތެރިޔާ މިހާތަނަށް ވަނީ 178 މެޗް އާސެނަލްއަށް ކުޅެދީފައެވެ. އަދި މިދިޔަ ދެސީޒަންގައި ޕްރިމިއަރ ލީގުގައި އާސެނަލް ކުޅުނު ހުރިހާ މެޗެއްގައި ސާކާވަނީ ކުޅެފައެވެ. އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސާކާ ހާމަކުރިގޮތުގައި އޭނާ މިހުރީ ވަރަށް އުފަލުން ކަމަށެވެ.
ސާކާ ހާމަކުރިގޮތުގައި އޭނާގެ މުސްތަގްބަލާއި ގުޅޭގޮތުން ގިނަ ވާހަކަ ތަކެއް ދެކެވިގެން ދިޔަ ކަމަށާއި ނަމަވެސް މިހާރު ހުރިހާ ފަރާތްތަކަކަށް އޭނާގެ މުސްތަގްބަލް ގުޅިފައިވަނީ އާސެނަލް އާއެކުކަން ހާމަވެގެން ގޮސްފައިވާނެކަމަށެވެ. އަދި މިއީ އޭނާ ކުރިއަށް އަޅަން ބޭނުންވާ އިތުރު ހަރުފަތަށް އެރުމަށްޓަކައި އެންމެ ރަނގަޅު ކްލަބް ކަމަށާއި، އޭނާ މޮޅު ކުޅުންތެރިޔަކަށް ވުމަށްޓަކައި ބޭނުންވާނެ ހުރިހާ މަކެއް އާސެނަލްގައި އެބަހުރި ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން އާސެނަލްގެ މުސްތަގްބަލްގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވޭނެކަމަށް ގަބޫލްކުރާކަމަށްވެސް ސަކާ ވަނީ ބުނެފައެވެ. އާސެނަލްއާއެކު އޭނާ ކުރިން ހަދާފައިވި އެއްބަސްވުން ދެން އަންނަ ސީޒަނަކާއެކު ހަމަވާނެއެވެ. މިސީޒަންގެ ފަހު މެޗްގައި މިއަންނަ އާދިއްތަ ދުވަހު އާސެނަލް އަމިއްލަ ދަނޑުގައި ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. އަދި ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅެވޭނެކަން މިހާރުވަނީ ޔަގީންވެގެން ގޮސްފައެވެ.