ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: ގުއަޓަމާލާ އަތުން އާޖެންޓީނާއަށް މޮޅެއް


20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް އޭގައި ގުއަޓަމާލާ އަތުން މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އާޖެންޓީނާ މޮޅުވެއްޖެއެވެ.

ސަންޓިއާގޯ ޑެލް އެސްޓޭރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި އާޖެންޓީނާއަށް ޖަހާދީ މެޗްގެ ލީޑް އެޓީމަށް ނަގާދިނީ ފޯވަޑް އަލޭހޯ ވެލީޒްއެވެ. މިލަނޑާއެކު އާޖެންޓީނާއިން ލީޑު ނެގި ނަމަވެސް ގުއަޓެމާލާއިން ވަނީ އާޖެންޓީނާއަށް އިތުރު ލަނޑެއް ފުރަތަމަ ހާފްގައި ޖެހިއަނުދީ ހިފަހައްޓާލާފައެވެ. އަދި މިކަން ކުރުމުގައި އެޓީމްގެ ކީޕަރ ފެޑެރީކޯ ގޯމޭޒް ގަރތުގެ ހުށިޔާރުކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.

މެޗްގައި ގުއަޓެމާލާއަށް މައްސަލަތައް ދިމާވެގެންދިޔައީ މެޗްގެ 58 ވަނަ މިނެޓްގައި އެޓީމްގެ ކާލޯސް ސަންތޯސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު ދެން ފެނިގެންދިޔައީ މެޗްގެ 65 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ލޫކާ ރޮމޭރޯ އާޖެންޓީނާގެ ލީޑު ފުޅާކޮށްދިން ތަނެވެ. މިމެޗްގެ 82 ވަނަ މިނެޓްގައި އާޖެންޓީނާގެ ތޯމަސް އަވީލޭސްއަށްވެސް ވަނީ ދެވަނަ ރީނދޫކާޑަކާއެކު ރަތްކާޑު ދައްކާފައެވެ. އެހެން ކަމުން މެޗްގެ ބާކީ އޮތް ވަގުތު ކޮޅު ދެޓީމުންވެސް ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި އާޖެންޓީނާގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ މެކްސިމޯ ޕެރޯންއެވެ.

މި ކާމިޔާބީއާއެކު އާޖެންޓީނާ މިވަނީ މިހާތަނަށް ކުޅުނު ދެމެޗް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގާ އުޅެނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ ނިއުޒީލަންޑެވެ. މިގްރޫޕްގައި އާޖެންޓީނާ ދެން ބައްދަލު ކުރާނީ ނިއުޒީލަންޑާއެވެ. މިމެޗް ކާމިޔާބުކުރާ ޓީމަކަށް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުވެގެން ދާއިރު އެއްވަރު ކޮށްލައިގެންވެސް އާޖެންޓީނާއަށް އެއްވަނަ ލިބިގެންދާނެއެވެ.