އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ބޭނުންކުރާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފައްޓަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލެއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި މިއަދު ހެނދުނު ފުރުވާލާފައިވާ ކަމަށެވެ. މާލެއަތޮޅަށާއި، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް މިތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓުތަކަށް ހުކުރު ދުވަހު ވޯޓު ފޮށިތައް ފޮނުވުމަށް ހަަމަޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައްވެސް މިހާރު ފޮނުވަން ފަށާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން، އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި، މާލެއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް، މިއަދު ހެނދުނު ފުރުވާލައިފި. މާލެއަތޮޅަށް ފޮނުވާނީ މާދަމާ.
— Ismail Habeeb (@IsmailHabeeb) September 27, 2023
ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި… pic.twitter.com/HLdwhuyWAP
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާހެވެ. މިއީ 412 ވޯޓު ކަރުދާހުގެ އިތުރުވުމެކެވެ. ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.