ތިލަދުންމަތީގެ 2 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ. އަލަށް ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ހއ. ފިއްލަދޫ އަދި ހދ. ކުރިނބީގައެވެ.
މި 2 ރަށުގައިވެސް ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ދެ ރަށުގެ ކައުންސިލްގެ ރައީސްއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބަރ ސްކޭމްގެ މައްސަލަތަކާއި، ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވާ ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފިއްލަދޫއަކީ ކުށްމަދު އަމާން މުޖުތަމައެއްގެވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު އެރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިލެއްވިއެވެ.
ކޮމިޝަނަރ ވަނީ ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފުލުހުންގެވެސް ކަނބޮޑުވުމެއް ކަމުގައި ދެކިގެން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ކުރިނބި އަދި ފިއްލަދޫގައި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ޤައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ. ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.