އދ. ދިއްދޫގައި ސްޓެލްކޯއިން ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ނިންމާ ޚިދުމަތް ދެއްވަން ފަށަފިއެވެ. ދިއްދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވީ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
އޭޑީބީގެ އެހީގައި ސްޓެލްކޯއާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ހިންގަވާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން އދ. ދިއްދޫއަކީ މި ފަދަ ނިޒާމެއް ޤާއިމްކޮށް ޚިދުމަތް ދެއްވަން ފެއްޓެވި 2 ވަނަ ރަށެވެ. މީގެކުރިން ސްޓެލްކޯއިން ވަނީ ވ. ރަކީދުގައިވެސް އަވިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމްކޮށް ޚިދުމަތް ދޭންފަށާފައެވެ. ދިއްދޫގައި މި ޚިދުމަތް ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޖޭގެ ކޮންމެ ރަށެއްގައި ވެސް ދުވާލުގެ ވަގުތުގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. އަދި ދިއްދޫގައި ޤާއިމްކުރެވިފައިވާ ނިޒާމުގެ ތެރެއިން އެރަށަށް 24 ގަޑިއިރަށް ބޭނުންވާ ކަރަންޓުގެ 40 އިންސައްތަ އަވިން އުފެއްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި ރާއްޖެއަށް އިޔާދަކުރަނިވި ހަކަތަ މުހިންމުވާ ސަބަބުތަށް ތަފްސީލުކޮށްދެއްވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝަކޫރު ޞާލިޙް ވިދާޅުވީ ސަރުކާރުން އިޔާދަކުރަނިވި ހަކަތައަށް އިސްކަންދެއްވައިގެން ހިންގަވާ ކޮންމެ މަސައްކަތެއްގައި ސްޓެލްކޯއިން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެކުންފުނިން ހިންގާ، އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް ކޮންމެވެސް 2 ރަށެއް ނުވަތަ 3 ރަށެއްގައި ހިންގެވުމަށް މަސައްކަތް ކުރައްވާނެކަމަށް ޝަކޫރު ވިދާޅުވިއެވެ.
އާބާދީގައި 200 ވަރަކަށް މީހުން ދިރިއުޅޭ އދ. ދިއްދުއަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 17 ކިލޯވޮޓުގެ ކަރަންޓު ބޭނުންވެއެވެ. ދިއްދޫގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ޚިދުމަތް ފެށުމުގެ ގޮތުން ރަށުގައި ބޭނުންކުރަމުންގެންދިޔަ ހުރިހާ ޖަނަރޭޓަރެއް ނިއްވާލުމަށްފަހު ހަމައެކަނި ސޯލާޕެނަލުން އުފައްދާ ކަރަންޓު ރަށުގެ ގޭބިސީތަކަށް ވަނީ ދީފައެވެ. މި ނިޒާމުގައި ހިމެނޭ ސޯލާ ޕެނަލްތައް ހަރުކޮށްފައިވާނީ ދިއްދޫގެ ސިއްޙީ މަރުކަޒުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ޢިމާރާތްތަކުގައެވެ.