ޚަބަރު

އިޤްތިޞާދީ ކުރިއެރުމަށް ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމު: ޗީފް އޮފް ޑިފެންސް ފޯސް


  • ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއްކަން ފާހަގަކުރެއްވި

ސަރަހައްދީ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މޯލްޑިވްސް ސްޓްރެޓީޖިކް ޓްރޭޑް މެނޭޖްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް ސްޓްރެޓީޖިކް ޓްރޭޑް މެނޭޖްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއްކަން ފާހަގަކޮށް، އެ ކަމުގެ ތާރީހުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި މިފަދަ ފޯރަމެއްގެ ތެރެއިން ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޢައްސަސާތައް ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

މިގޮތުން ދުނިޔޭގެ ވިޔަފާރިއަށް އަންނަ ބަދަލުތަކާއި ޤައުމުތަކުގެ މެދުގައި އަލަށް ޤާއިމްވެވޭ އެއްބަސްވުންތަކަށް އަޅުގަނޑުމެންގެ ނިޒާމުތައް އަހުލުވެރިވުމުގެ މުހިންމުކަން މޭޖަރ ޖެނެރަލް ހިލްމީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަންފީޒީ އިދާރާތަކުގެ ޤާބިލިއްޔަތުކަން އިތުރުކޮށް މީހުން ބިނާކުރަން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުނިޔޭޣެ ވިޔަފާރިއަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ ނިޒާމުތައް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އަދި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެވިއްޖެނަމަ، އިންވެސްޓަރުންގެ މެދުގައިއިތުބާރު އުފެއްދި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.

އެމެރިކާގެ ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބާއްވާ މޯލްޑިވްސް ޓްރޭޑް މެނޭޖްމަންޓް ފޯރަމަކީ ގެއްލުންދެނިވި ނުރައްކާތެރި ހަތިޔާރު ދައުރުކުރުން ހުއްޓުވުމަށް އދ.އިން ފާސްކޮށްފައިވާ ޤަރާރު ތަންފީޒު ކުރުމަށް ރާއްޖެއަށް އެޅިދާނެ އިސްތިރާޖީ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ.

މި ފޯރަމުގައި ތަންފީޒީ އިދާރާތަކުގެ އިތުރުން ދާޚިލީ ވުޒާރާ، ދިފާޢީ ވުޒާރާ، ސިއްޙި ވުޒާރާ، ވިޔަފާރިއާޢި ބެހޭ ވުޒާރާ، ސިއްޙީ ވުޒާރާ، ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުން ބައިވެރިވެއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފޯރަމުގެ ތެރެއިން ކުރެވޭ މަޝްވަރާތަކަށްފަހު ރާއްޖޭގެ ދިފާޢީ ބާރު ހިމެނޭހެން ތަންފީޒީ އިދާރާތައް އެކުވެ، ވޯކިން ގްރޫޕެއް އެކުލަވާލާނެއެވެ. ކަސްޓަމްސްއިން ވިދާޅުވީ މި ވޯކިން ގްރޫޕުގެ ބޭނުމަކީ އ.ދ ޤަރާރު ތަންފީޒު ކުރުމަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށެވެ.